މިނިސްޓަރަށް ލަފާ ދޭ ޒުވާނުންގެ ގައުމީ މަޖިލީހެއް އެކުލަވާލަނީ
މިނިސްޓަރަށް ލަފާ ދޭ ޒުވާނުންގެ ގައުމީ މަޖިލީހެއް އެކުލަވާލަނީ

ޔޫތު މިނިސްޓަރަށް ލަފާ ދޭ ޒުވާނުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމުގެ އުސޫލު މިއަދު އާއްމުކޮށްފި އެވެ.

ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ހެދުމުގައި އެ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި ޒުވާނުންނާ ގުޅޭ ކަންތައްތަކުގައި ލަފާއަރުވާ މަޖިލީހުގައި ހިމެނެނީ 15 މެމްބަރުންނެވެ. އެއީ އިއުލާނުކޮށްގެން ހޮވާ ނުވަ މެމްބަރުންނާއި އެކިއެކި މުއައްސަސާތަކުން އައްޔަންކުރާ ހަ މެމްބަރުންނެވެ.

އެ މަޖިލީހަށް އައްޔަންކުރާ މެމްބަރުންގެ 50 ޕަސެންޓު އަންހެނުންނަށް ދިނުމަށް އިސްކަންދޭނެ ކަން ވެސް ފާހަގަކޮށްފައި ވެ އެވެ.

- 16-18 އަހަރާ ދެމެދުގެ، ރަސްމީ ތައުލީމުގެ ތެރެއިން އޭ-ލެވެލް އަށް ކިޔަވާ އަންހެން ދަރިވަރެއް

- 16-18 އަހަރާ ދެމެދުގެ، ރަސްމީ ތައުލީމުގެ ތެރެއިން އޭ-ލެވެލް އަށް ކިޔަވާ ފިރިހެން ދަރިވަރެއް

- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ ދާއިރާއެއްގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް

- މަސްތުވާތަކެއްޗާ ދެކޮޅަށް މެދު ހޭލުންތެރިކުރުވުމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް

- ދިވެހިބަހާއި ތާރީހާއި ސަގާފަތުގެ ދާއިރާގެ މީހެއް

- ގާނޫނީ ދާއިރާގެ މީހެއް

- ފަންނާނުންގެ ދާއިރާއަކުން މީހެއް

- ކުޅިވަރުގެ ދާއިރާއަކުން މީހެއް

- ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ފަރާތެއް

- ޔޫތު މިނިސްޓްެރީގެ "ޔޫތު ޑިޕާޓްމަންޓް"ގެ ޕޮލިސީ ލެވެލްގެ މީހެއް

- ކޮމިއުނިކޭޝަން މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ މީހެއް

- ފުލުހުންގެ "ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް"ގެ މީހެއް

- އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ މީހެއް

- އިސްލާމިކް މިނިސްޓްރީގެ "ކޯޕަރޭޓް އެފެއާޒް"ގެ ޕޮލިސީ ލެވެލްގެ މީހެއް

- ޖެންޑާ މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ މީހެއް

އުސޫލުގައި ބުނެފައިވާ ގޮތުގައި ޒުވާނުންގެ މަޖިލީހުން މަދުވެގެން މަހަކު އެއް ފަހަރު ބައްދަލުވުން ބާއްވަންޖެހޭނެ އެވެ. އެ މީހުންނަށް ކޮންމެ ބައްދަލުވުމަކަށް 500ރ. ރޭޓުން މަހަކު 4000ރ. އަށްވުރެ ބޮޑު ނުވާގޮތަށް ފައިސާ ދެވޭނެކަމަށް ބުންޏެވެ.