01 އެޕްރީލް 2019 - 14:28

އަރަބި ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެ ގެނައުމަށްޓަކައި، އަރަބި ބަހުން ލިޔެފައިވާ މަޖައްލާއެއް މިއަދު ތައާރަފްކޮށްފި އެވެ. މިއީ ރާއްޖެއާ ބެހޭ ގޮތުން އަރަބި ބަހުން މަޖައްލާއެއް ނެރުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮމްފޯޓް ޓްރެވެލް އެންޑް ޓުއާސްގެ ފަރާތުން ތައްޔާރު ކުރި މި ފޮތް ނެރެދެއްވީ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަލީ ވަހީދެވެ.
އެއީ ރައްޔިތުންގެ މަޖިލިހުގެ ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެ ދާއިރާ އަށް ވާދަކުރައްވާ މޫސާ ނިޒާރުގެ ކުންފުންޏެކެވެ.
އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް އައި ފަހުން، ޓޫރިޒަމް ސިނާއަތް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގެ ފަހުން މިހާތަނަށް 10 ރިސޯޓަކަށް އޮޕަރޭޓިން ލައިސެންސް ދޫކުރިއިރު، އެތަނުން ފަސް ރިސޯޓެއް ހުޅުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި އެއީ 1،400 އެނދުގެ ރިސޯޓުތަކެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސްގެ ޓާގެޓާ އެއްވަރަށް ޓޫރިޒަމް ސިނާއަތް ކޮޅަށް ނެގިއްޖެ،" ޓޫރިސްޓުން ގެނައުމަށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި އިސްލާމިކް ޓުއަރިޒަމް އިތުރަށް ފުޅާކުރުމުގައި އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެ އަށް އައުން މުހިންމު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަަދަދު ވަރަށް ބޮޑަށް އިތުރު ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ކުރިން ރާއްޖެ އަށް ޓޫރިސްޓުން އައި މަންޒިލުތަކަށް ވުރެ ފޯކަސް ނުކުރެވި ހުރި ދިމަ ދިމާލަށް މަސައްކަތް ކުރަން ވިސްނައިގެން،" އަލީ ވަހީދު ވިދާޅުވި އެވެ.
ކޮމްފޯޓް ޓްރެވެލް އެންޑް ޓުއާސް އިން ބުނީ ރާއްޖޭގައި ޓޫރިޒަމާ ގުޅޭ ގޮތުން ހުރި ހުރިހާ ހިދުމަތްތަކެއް މަޖައްލާގައި ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކާއި ސަފާރީތަކާއި އެހެން ތަންތަނުން ލިބޭ ހިދުމަތްތައް މަޖައްލާގައި ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމްފޯޓް ޓްރެވެލް އެންޑް ޓުއާސް އިން ބުނިގޮތުގައި މެގަޒިން ރަސްމީކޮށް ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ ދުބާއީގަ އެވެ.