ކުރީ ސަރުކާރުތަކުން ދުއްވީ މަންޒިލެއް ނެތި: އަލީ ވަހީދު
ކުރީ ސަރުކާރުތަކުން ދުއްވީ މަންޒިލެއް ނެތި: އަލީ ވަހީދު

ރާއްޖޭގެ ކުޅިވަރަށް ދިމާވެފައި އޮތް މައްސަލައަކީ މަންޒިލެއް ނެތި ދުއްވުން ކަމަށާއި މި ފަސް އަހަރު ނިމޭއިރު ޓެކްނިކަލް މީހުންގެ ލަފައާ އެކު ކުޅިވަރަށް މަންޒިލެއް ހޯދައިދެއްވާނެ ކަމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުން ފުރަތަމަ ވެސް ކުރި ކަމަކީ ކުޅިވަރު އޯޑިޓެއް ހަދައި ވަސީލަތްތައް ހުރި ތަންތަނާއި ހުރި ލެވެލް ބެލީ ކަމަށާއި މިހާރު ދަނޑުތައް އަޅަނީ ވެސް އެއަށް ބަލައިގެން ކަމަށެވެ.

ދެން އޮތީ ސްޕޯޓްސް މާސްޓާ ޕްލޭން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާދެއްވުން ކަމަށާއި އެ ޕްލޭނާ އެކު ކޮންމެ ކުޅިވަރަކަށް ޓާގެޓްތަކެއް ހަދައި އެ ޓާގެޓްތަކަށް ވާސިލްވާން ކުރަން ޖެހެނީ ކޮން ކަމެއްތޯ ބުނެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުޓްބޯޅައިން އޭޝިއަން ކަޕަށްދާނީ ކޮން އިރަކުރަތޯ؟ އެތަނަށް ދިއުމަށްޓަކައި ކޮން ކަންތައްތަކެއްތޯ ކުރާނީ؟ ހޭންޑްބޯޅައިގައި، ވޮލީބޯޅައިގައި، ހުރިހާ ކުޅިވަރެއް. ވަސީލަތް ކިހާ ވަރަކަށްތޯ ބޭނުންވަނީ، ކޮން އިރަކުތޯ ބޭނުންވަނީ؟،" މާސްޓާ ޕްލޭނަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.

އިދާރީ އޮފީހެއް ވެސް ނެތް އެސޯސިއޭޝަންތައް ހުރި ކަމަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވީ 2019 ވަނަ އަހަރު އައި ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަނީ ސައިކަލުގެ މަޑިދަށުގައި ކަމަށާއި މިނިސްޓަރުގެ ގޮނޑީގައި ހުރެ އެ ވާހަކަތައް ދައްކަން ލަދުގަންނަ ކަމަށެވެ.

"އެއީ މަންޒިލެއް ނެތި ދުއްވީމާ (ވާގޮތް). އެހެންވީމާ އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަރުކާރުގައި އަޅުގަނޑުމެން މި ފަސް އަހަރުގައި މަންޒިލެއް ޓެކްނިކަލް މީހުންނާ އެކު ހޯދާނަން. އަޅުގަނޑުމެން އުއްމީދުކުރަނީ ކޮންމެ ސަރުކާރަކުން ވެސް އެ މަންޒިލަށް ރާއްޖެ ގެންދާނެ ކަމަށް. އޭރުން ރާއްޖެ ހަގީގީ ތަރައްގީގެ މަގުގައި ދާނީ،" އަލީ ވަހީދު ވިދާޅުވި އެވެ.