01 އެޕްރީލް 2019 - 13:47

ރަސްފަންނު ސަރަހައްދުގެ މޫދުގައި ނަޖިސް ހުރިތޯ ބެލުމަށް ކުރަމުން އަންނަ ތަހުލީލްތައް އަދި ނުނިމޭ ކަމަށާއި އެހެންވެ އެތަން އާންމުންނަށް އަލުން ހުޅުވާލެވޭނެ ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ގިނަ ބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދު މިދިއަ ހުކުރުދުވަހު ބަންދުކުރީ އެތަނުން ނަޖިސް ފެނިގެންނެވެ. ހޮނިހިރު ދުވަހުން ފެށިގެން އެޗްޕީއޭއިން އަންނަނީ އެ ސަރަހައްދުގެ ލޮނުގަނޑުގެ ތަހުލީލުތައް ކުރަމުންނެވެ.
އެ ތަހުލީލުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، "މިހާރު" އަށް ވިދާޅުވީ އެކަމާ ބެހޭ ގޮތުން މިހާތަނަށް ވަކި އެއްޗެއް ހާމަކުރެއްވެން ނެތް ކަމަށެވެ. އަދި އާއްމުންނަށް އަލުން ރަސްފަންނު ހުޅުވާލެވޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި އިއުލާން ކުރާނަން،" މައިމޫނާ ވިދާޅުވި އެވެ.
ރަސްފަންނު ހުޅުވިތާ ކައިރީގައި 2016 ވަނަ އަހަރު ވެސް ނަޖިހުގެ މައްސަލަ ކުރިމަތިވި އެވެ. ކުރިން ވެސްޓް ޕާކް ހިންގި ދިމާލުން މޫދަށް ގުޅާފައި އޮންނަ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާ ގުޅިގެން ރަސްފަންނު ސަރަހައްދުގެ މޫދުން ވެސް ގިނަ އަދަދަކަށް ނަޖިސް ފެނުނެވެ.
އެ ފަހަރު އެ ސަރަހައްދު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލީ ލޮނުގަނޑުގެ ޓެސްޓްތައް ހެދުމަށް ފަހު އެއީ މޫދަށް އެރެން ރައްކާތެރި ތަނެއް ކަމަށް އޭރުގެ ހެލްތު މިނިސްޓްރީން ބުނުމުންނެވެ.
މިދިޔަ ހުކުރު ދުވަހު "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ރަސްފަންނު ސަރަހައްދަށް ދިޔައިރު ފެންމަތީގައި ގިނަ އަދަދަކަށް ނަޖިސް ދައުރުވަމުން ދިޔަ ކަމަށެވެ. އޭގެ ކުލަ ބަދަލުވެފައި ހުރުމުން އެއީ ނަޖިސްކަން ގިނަ މީހުންނަށް ފާހަގަނުވި ނަމަވެސް އެ އެއްޗެހި ނަގައި ރަނގަޅަށް ބެލުމުން ނަޖިސްކަން ޔަގީންވި ކަމަށް އޭނާ ބުންޏެވެ.