04 އެޕްރީލް 2019 - 19:38

ރައްޔިތުން ބޭނުން ވަނީ ހެޔޮ ވެރިކަމެކެވެ. ހާސްކަމުން އަރައިގަނެ އާއިލާތަކާ އެކު އުފާވެރި، ތަނަވަސް ދިރިއުޅުމެކެވެ. ދައުލަތް ހިންގުމުގައި ކުރިމަތިވެފައި ހުރި އެތައް މައްސަލަތަކަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިގެން މެނުވީ އެ މަގަށް ރާއްޖެ މިސްރާބު ޖެހޭ ކަށެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހަށް "އެޖެންޑާ 19"، އެމްޑީޕީން ހުށަހަޅަން މަޖުބޫރުވީ އެ ބަދަލަށެވެ. އޭގައި ހިމެނޭ ގާނޫނީ 19 އޮނިގަނޑަކީ ރައްޔިތުންގެ ގާތަށް ގޮސް ޝަކުވާތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް އޮޅުންފިލުވައި އެކުލަވާލި "ފަރުވާ" އެކެވެ.
އެޖެންޑާ 19 ތަރުތީބުކޮށްފައި ވަނީ އިންސާފާއި އޯގާތެރި ސަރުކާރާއި ފަޚުރުވެރި އާއިލާ އާއި ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދު، މައިގަނޑު ފަސް ހައްލަކަށް ބަލައިގެންނެވެ. އެއިން ކަށަވަރު ކޮށްދެނީ އަދުލު އިންސާފާއި ދައުލަތް ޖަވާބުދާރީ ކުރުވުމެވެ. ތައުލީމާއި ސިއްހީ ޚިދުމަތާއި ފެނާއި ނަރުދަމާ ފަދަ އަސާސީ ހައްގުތައް ކަށަވަރުވެ، ވަޒީފާ ޔަގީން ވުމެވެ.
ހަގީގީ މާނައިގައި ލާމަރުކަޒުކޮށް، ރަށު ކައުންސިލްތަކަށް ބާރު ދޫކޮށްލުމެވެ. ގުދުރަތީ ވަސީލަތްތަކުން ނަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދީ ރަށާއި އަތޮޅަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދައި ދެވެން އޮތީ ވެސް އެޖެންޑާ 19 އިންނެވެ.
މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑަ މިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ބާރު 2008 ގައި އަމަލުކުރަން ފެށި ވަޒީފާގެ ގާނޫނުގެ ދަށުން ސަރުކާރަށް އޮތީ ދީފަ އެވެ. އެކަމަކު މިނިމަމް ވޭޖު ކަނޑައެޅުމުގައި ސަރުކާރުތަކުން ވަނީ ފަސްޖެހިފަ އެވެ. އެއީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އެޖެންޑާ 19 ގައި އެމްޑީޕީން ހިމަނާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށެެވެ. މަޖިލީހަށް ހުށަހަޅާ އެ ބިލުގައި މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ އެވެ. އެކި މަސައްކަތްތަކަށް އުޖޫރަ ކަނޑައަޅާނީ އެކި މިންވަރަށެވެ.
އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އަދަދު، ދާއިމީ ވަޒީފާ އާއި ވަގުތީ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް ކަނޑައަޅާނެ އެވެ.
ދަތުރުފަތުރު (ދުވާލަކަށް 266.27 ރުފިޔާ)
މަސްވެރިކަމާއި ދަނޑުވެރިކަން (ދުވާލަކަށް 266.67 ރުފިޔާ)
އިމާރާތް ކުރުމުގެ ދާއިރާ (ދުވާލަކަށް 200 ރުފިޔާ)
ރިސޯޓް ހިންގުމުގެ ސިނާއަތު (ދުވާލަކަށް 333.33 ރުފިޔާ)
ޓޫރިޒަމްގެ އެހެން ދާއިރާތައް (ދުވާލަކަށް 200 ރުފިޔާ)
ސިއްހީ ޚިދުމަތް ދިނުން (ދުވާލަކަށް 266.67 ރުފިޔާ)
ތައުލީމީ ދާއިރާ (ދުވާލަކަށް 266.67 ރުފިޔާ)
އެހެނިހެން ދާއިރާތައް (ދުވާލަކަށް 200 ރުފިޔާ)
ވަޒީފާއެއް ނެތި ބިކަވެފައި ތިބުން ނައްތާލުމަށް އެމްޑީޕީން އެންމެ ފުރަތަމަ ކުރަން ނިންމާފައި އޮތް ކަމަކީ ވަޒީފާ އަދާކުރާ އުމުރުގެ މީހުންގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމެވެ. އެކަން ކުރާނީ ސަރުކާރުން ކޮންމެ ދާއިރާއެއްގައި އުފައްދާ ޖޮބް ސެންޓަރު މެދުވެރިކޮށެވެ.
ވަޒީފާ ނެތް މީހުންގެ ދަފްތަރެއް ވެސް ކޮންމެ ސެންޓަރަކުން އެކުލަވާލާނެ އެވެ.
ވަޒީފާއެއް ހަމަޖެހެންދެން އިނާޔަތް ދޭނެ ފަރާތްތައް ބެހެނީ ދެ ބަޔަކަށެވެ. އެއީ، އޭ ލެވެލް ފާސް ނުވަތަ އެއަށް ވުރެން ދަށް ފާހެއް އޮންނަ މީހުންނާއި ގްރޭޑް 12 އަށް ވުރެ ދަށް ގްރޭޑަކުން ސްކޫލުން ވަކިވެފައި ތިބި މީހުންނެވެ.
ދެ ވަނަ ކެޓަގަރީގައި ހިމެނޭނީ އޭ ލެވެލް އަށް ވުރެން މަތީ ފާހެއް އޮންނަ މީހުންނެވެ.
ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް ދޭ އިނާޔަތުގެ އަދަދު ކަނޑައަޅާނީ ދިރިއުޅުމުގެ ހާލަތަށް ބަލައި، މަހަކު 1،500 ރުފިޔާ އާއި 2،500 ރުފިޔާއާ ދެމެދެވެ.
ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށްގެން ހުނަރު ޕްރޮގްރާމްތައް ވެސް ހިންގޭނެ އެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ ހުއްދަ ދޭނީ އެ މަސައްކަތް ކުރާނެ ދިވެއްސަކު ނެތް ވަޒީފާތަކަށް އެކަންޏެވެ.
ސިއްހީ ނިޒާމުގެ އިތުބާރު ދަމަހައްޓަން، ރާއްޖޭގައި އެންމެ ކުޑަމިނުން ލިބެން ޖެހޭ ޚިދުމަތްތަކާއި އެ ޚިދުމަތްތަކުގެ ފެންވަރު ކަނޑައެޅުމަށް ބިލެއް މަޖިލީހަށް ހުށަހަޅާނެ އެވެ. އެ ބިލުގައި ސިއްހީ މަރުކަޒުތަކުން ގޭގެއަށް ޒިޔާރަތް ކުރުމުގެ ނިޒާމެއް ކަނޑައަޅާނެ އެވެ.
- އެ ގާނޫނުގައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ލިބެން ޖެހޭ ޚިދުމަތްތަކާއި މުވައްޒަފުންގެ ފެންވަރާއި ޚިދުމަތްތަކުގެ އަގުތައް ކަނޑައަޅާނެ.
- ސިއްހީ ޚިދުމަތުގެ ފެންވަރު ފުޅާކުރުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަރައްގީކުރުމުގެ ބާރު ކައުންސިލްތަކަށް ދެވޭނެ.
- ވަޒަންވެރިވެފައިވާ ރަށްރަށުން ނުލިބޭ ސިއްހީ ޚިދުމަތް ހޯދަން އެހެން ރަށަކަށް ނުވަތަ ގައުމަކަށް ދާން ޖެހިއްޖެ ނަމަ ބަލި މީހާ އާއި އެހީތެރިއާ އަށް އާސަންދައިގެ ތެރެއިން އެހީ ހަމަޖައްސައިދިނުން.
- ހެލްތު ސެންޓަރުތައް 24 ގަޑިއިރު ހުޅުވާފައި ބަހައްޓާ ގޮތަށް ހަމަޖެއްސުން.
މައި ސަރުކާރަށް ބާރުތައް ޖަމާކޮށް، ރައްޔިތުންގެ ހައްގު މިންވަރު އޮންނަނީ ނިގުޅައިގެންފަ އެވެ. ރައްޔިތުން ބަަދަލުކުރަން ބޭނުންވަނީ ޒަމާންވީ އެ އުސޫލެވެ. އެކަމަށްޓަކައި ހަގީގީ މާނައިގައި ކައުންސިލްތަކަށް ބާރުތައް ދޫކޮށްލާނެ އެވެ. އެއާއެކު މާލީ ގޮތުން ލާމަރުކަޒު ކުރާނެ އެވެ.
- ރަށުގެ އިހްތިސާސްގެ ތެރޭގައިވާ ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ރަށު ކައުންސިލަށް މިލްކުކޮށްދޭނެ.
- ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ރަށްރަށާއި ފަޅުތަކާއި ފަރުތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓް އެ ކައުންސިލަކަށް ހަމަޖެއްސުން.
- ދައުލަތުން އެ އަހަރަކަށް ކަނޑައަޅާ ބަޖެޓުގެ ވަކި ޕަސެންޓެއް ދިނުމަށް ގާނޫނުގައި ކަނޑައެޅުން.
- ކައުންސިލްގެ ނަމުގައި ވިޔަފާރި ކުރުމާއި ވިޔަފާރި ކުންފުނިތަކާއި ކޯޕަރޭޓިވްސް އުފެއްދުމުގެ ބާރު ދިނުން.
- ކޮންމެ އަތޮޅެއްގެ 40 ޕަސެންޓް ގުދުރަތީ ރިޒާވްގެ ގޮތުގައި ކަނޑައެޅުން.
- ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ގްރީން ފަންޑެއް އެކުލަވާލެވޭނެ.
ވަށާ ޖެހޭ ޓެކްސްގެ ނިޒާމަކަށް ބޭނުންވާ އެންމެ މުހިއްމު ބަދަލަކީ އިންކަމް ޓެކްސް ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމެވެ. ޓެކްސް ނެގުމުގެ އާމްދަނީ ކަމުގައި ބަލާނީ ގޭގެ ކުއްޔާއި ލޯނު އަދި ދަރިވަރުންގެ ކިޔެވުމުގެ ހަރަދާއި ބޭސްފަރުވާ ފަދަ ބޮޑެތި ހަރަދުތައް އުނިކުރުމަށް ފަހު އެވެ.
- ފެނާއި ކަރަންޓުގެ އަގު ހެޔޮ ކުރުން
- ދަތުރުފަތުރުގެ ވިއުގަކުން ރާއްޖެ ގުޅާލުން
- މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުން.
- އެގްރިވިޔަފާރި ފަހިކުރުން
- ޓޫރިޒަމާއި ގެސްޓު ހައުސް ވިޔަފާރި ފުޅާކުރުން.
މިއީ އާންމު އިންތިހާބަށް "މިހާރު"ން ތައާރަފުކުރި ހާއްސަ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަވަރޭޖެކެވެ.