ކަންގަނާ ރަނާވަތު މި ފަހަރު ޕްރޮޑިއުސަރު ޕެހެލާޖް ނިހަލާނީއާ ދެކޮޅަށް
ކަންގަނާ ރަނާވަތު މި ފަހަރު ޕްރޮޑިއުސަރު ޕެހެލާޖް ނިހަލާނީއާ ދެކޮޅަށް

އެއްވެސް ޖެހިލުމެއް ނެތި މީސްމީހުންނާ ބެހޭ ގޮތުން ހައިރާންވާ ވަރުގެ ވާހަކަތައް ދައްކަން އާދަވެފައިވާ ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު ޕްރޮޑިއުސަރު ޕެހެލާޖް ނިހަލާނީއާ ބެހޭ ގޮތުން ވެސް ކުރިން ނުދައްކާ ވާހަކަތަކެއް ދައްކައި، އޭނާ ރުޅި އަރުވާލައިފަ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއެއްގައި 32 އަހަރުގެ ބަތަލާ ބުނީ އޭނާ ފިލްމު ކުޅުމުގެ އުންމީދުގައި ބޮލީވުޑަށް ފެށި ދަތުރުގައި އެންމެ ފުރަތަމަ ދިމާވި އެކަކީ ނިހަލާނީ ކަމަށެވެ. އެގޮތުން އޭނާ ޕްރޮޑިއުސްކުރާ ފިލްމެއް ކަމަށްވާ "އައި ލަވް ޔޫ ބޮސް" އިން ފުރުސަތު ދިނުމަށް ފަހު، ބަރަހަނާ ހާލުގައި އެއް އަރިއަކަށް ބަހައްޓައިގެން ފިލްމުގެ ޕޯސްޓަރު ޝޫޓް ކުރުވި ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާގެ މި ވާހަތަކާ ގުޅިގެން އެ ޕޯސްޓަރު އިންޓަނެޓްގައި ވެސް މިހާރު އަންނަނީ ދައުރުވަމުންނެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާ ފުރުސަތަކަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ނިހަލާނީގެ ފިލްމަށް އެއްބަސްވި ނަމަވެސް، ފަހުން ވަނީ މަހޭޝް ބަޓްގެ "ގޭންގްސްޓާ" އިން ފުރުސަތު ލިބުމުން ނިހަލާނީގެ ފިލްމު ދޫކޮށްލައިފަ އެވެ. ކަންގަނާ ބޮލީވުޑަށް ތައާރަފުވީ އިމްރާން ހާޝިމީ އާއި ޝައިނީ އަހޫޖާއާ އެކު ކުޅުނު 2006 ގެ އަނޫރާގް ބާސޫގެ ޑައިރެކްޓް ކުރި "ގޭންގްސްޓާ" އިންނެވެ.

"ނިހަލާނީގެ ފިލްމުގައި މަސައްކަތް ކުރަން އަހަންނަށް ވަރަށް އުނދަގޫ ކަމަކަށްވީ. އެހެންވެ ފަހުން ފޯނު ނަމްބަރު ވެސް ބަދަލުކޮށްލައިގެން ނިހަލާނީ އަށް އަހަރެން ފިލީ،" އައި ލަވް ޔޫ ބޮސްއަކީ ސޮފްޓް-ޕޯންއެއްގެ ގޮތުގައި ސިފަކުރަމުން ކަންގަނާ ބުންޏެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ރުޅިގަދަވެގެން ނިހަލާނީ ބުނީ ކަންގަނާއަކީ އޭނާ އަށް އެހީވެދިން އެންމެންގެ މަތިން ހަނދާން ނައްތާލައި، ޝުކުރު ނުކުރާ ބޮޑާ ބަތަލާއެއް ކަމަށެވެ. އަދި "އައި ލަވް ޔޫ ބޮސް" އަކީ ބަރަހަނާ ފިލްމެއްގެ ގޮތުގައި ސިފަކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ބުންޏެވެ.

"އެ ފިލްމުގެ ބަތަލުގެ ރޯލް އޭރު ހުށަހެޅީ އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރަށް. އެހެންވީމާ ކަލޭމެންނަށް ގަބޫލު ކުރެވޭތަ ބަރަހަނާ ފިލްމެއް ކުޅެން އަހަރެން އެ ފެންވަރުގެ އެކްޓަރަކަށް ހުށަހަޅާނެހެން؟" 2017 ގައި ސެންސަރު ބޯޑުން ވަކިކުރި ނިހަލާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި "އައި ލަވް ޔޫ ބޮސް" އަކީ ޒުވާން އަންހެނަކު އޭނާ އަށް ވުރެ އުމުރުން ދޮށި އޮފީސް ބޮސްއަކާ އެކު ބާއްވާ ގުޅުމެއްގެ މައްޗަށް ބިނާކޮށް ހަދަން އުޅުނު ފިލްމެކެވެ. ނަމަވެސް ފިލްމަށް ފަހުން ދިމާވި މައްސަލަތަކާ ހުރެ، އެ ފިލްމު ގެނެސް ދީފައެއް ނުވެ އެވެ.

ނިހަލާނީ ބުނި ގޮތުގައި "ގޭންގްސްޓާ" އިން ކަންގަނާ އަށް ފުރުސަތު ލިބުނީ ވެސް އޭނާ ޕްރޮމޯޓްކޮށް ދޭން އަމިއްލަ އަށް ކުރި މަސައްކަތުންނެވެ. އެގޮތުން ކަންގަނާގެ ޕަބްލިސިޓީ އަށް 80 ލައްކަ ރުޕީސް ހަރަދު ކުރި ކަމަށް ބުންޏެވެ.

"އޭނަގެ އެންމެ ބޮޑު މައްސަލައަކީ ކިބުރުވެރިކަމާއި ބޮޑާކަމާއި ޝުކުރު ނުކުރާކަން،" ނިހަލާނީ ބުންޏެވެ. "އަދި އެހީވެ ދިން އެންމެންނާ ކަންގަނާ އުޅެނީ ޖައްސާލައިގެން."

"އިލްޒާމް" އާއި "ޝޯލާ އޯރް ޝަބްނަމް" އަދި "އާންކޭ" ފަދަ ފިލްމުތައް ގެނެސް ދިން ނިހަލާނީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ޖެނުއަރީ މަހު ގޯވިންދާއާ އެކު ގެނެސް ދިން "ރަންގީލާ ރާޖާ" އެވެ.