ހިމޭޝް ރޭޝަމިޔާގެ "ދި އެކްސްޕޯޒް" ގެ ދެވަނަ ބައި ހަދަން ނިންމައިފި
ހިމޭޝް ރޭޝަމިޔާގެ "ދި އެކްސްޕޯޒް" ގެ ދެވަނަ ބައި ހަދަން ނިންމައިފި

ދެހާސް ސާދަ ވަނަ އަހަރު ރިލީޒްކުރި، މަޝްހޫރު މިއުޒިޝަން/އެކްޓަރު ހިމޭޝް ރޭޝަމިއާގެ ކާމިޔާބު ފިލްމު "ދި އެކްސްޕޯޒް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

އާނަންތު މަހާދޭވަން ޑައިރެކްޓް ކުރި ފިލްމުގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ "ދި އެކްސްޕޯސް ރިޓާންސް" އެވެ.

މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ދި އެކްސްޕޯޒް" ގެ އިތުރުން ހިމޭޝް އަންނަނީ އޭނާ ބަތަލުގެ ރޯލް ކުޅޭނެ އިތުރު ހަތަރު ފިލްމެއް ވެސް އިއުލާން ކުރަން ތައްޔާރުވަމުންނެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި އާއި އެތައް ފިލްމަކަށް ރީތި ލަވަތަކެއް ހަދައި ދީގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މިއުޒިކް ޑައިރެކްޓަރު ފިލްމުތަކުގައި އެކްޓް ކުރަން ފެށީ 2007 ގެ ފިލްމު "އާޕް ކާ ސުރޫރު" އިންނެވެ.

އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި 2008 ގެ "ކަރްޒު" އަދި 2010 ގެ "ކަޖްރާރޭ" ހިމެނެ އެވެ.

ރޮމޭންޓިކް ތުރިލާ "ދި އެކްސްޕޯޒް" ގައި ހިމޭޝްއާ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގް އާއި ރިއަލިޓީ ޝޯ "ބިގް ބޮސް" ގައި ވާދަކުރި ސޮނާލީ ރައުތުގެ އިތުރުން ޒޯޔާ އަފްރޯޒެވެ.

މި ފިލްމަކީ ބޮކްސް އޮފީހުގައި 227 ކްރޯޑްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ހަރަދު ކުރީ 150 ކްރޯޑެވެ.

"ދި އެކްސްޕޯޒް" ގެ ދެވަނަ ބައިގެ ޑައިރެކްޓަރާއި އިތުރު ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.

ކުޅޭނެ ފަސް ފިލްމެއް، ހިމޭޝް ޕްލޭންކޮށްފައިވާ އިރު އޭނާ ވަނީ 2010 ގައި ހަތިޔާރު އެޅި 40 މީހަކު، ދުއްވަމުން ދިޔަ ރޭލެއް ހައިޖެކް ކުރި ހާދިސާއާ އެކަނިމާއެކަނި ކުރިމަތިލައިގެން ވަރުގަދަ ހިތްވަރެއް ދެއްކި އަސްކަރީ އޮފިސަރު ބިޝްނޫ ޝްރެސްތާގެ ވާހަކަ ކިޔައިދޭ ފިލްމެއް ވެސް ހަދަން ނިންމައި، އޭގެ ރައިޓްސް ހޯދައިފަ އެވެ. އެ ފިލްމުގެ ލީޑް އެކްޓަރު ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ.

ހިމޭޝް ދެން އެންމެ އަވަހަށް ފެންނާނީ ސޮނީ ޓީވީން ދައްކަން ފަށާ ކުޑަކުދިންގެ ލަވަ ޝޯ "ސުޕަސްޓާ ސިންގާ" ގެ ޖަޖެއްގެ ގޮތުގަ އެވެ.