01 އެޕްރީލް 2019 - 07:26

މިއީ ޖޯ ކެމެރަން އެވެ. ބަދިގޭގައި ކައްކަން އުޅޭއިރު އަތް ފިހުމަކީ އޭނާ އަށް އާންމު ކަމެކެވެ. އެކަމަކު އަތް ފިހޭކަން އޭނާ އަށް އެނގެނީ އަތުގެ މަސްގަނޑު އަނދައި އެ ވަސް ދުވަން ފެށީމަ އެވެ. ފިހޭ ކަމުގެ އިންޒާރު ތަދަކުން ނުލިބެ އެވެ.
މިއީ ޖެނެޓިކް މިއުޓޭޝަނެއްގެ ސަބަބުން ދިމާވާ ގޮތެކެވެ. ޖޯ އަކީ މި މައްސަލަ ދިމާވެފައިވާ ކަމަށް މުޅި ދުނިޔެއިން ވެސް ރެކޯޑް ކުރެވިފައިވާ ދެ މީހުންގެ ތެރެއިން އެކަކެވެ.
މީނާ ތަދު އިހްސާސް ނުވާއިރު ކަންކަމާއި ހާސްވުމާއި ބިރު ގަތުމުގެ އިހްސާސެއް ވެސް ނުހުރެ އެވެ.
ޖޯ އަށް އޭނާ އަކީ ތަފާތު މީހެއްކަން އެނގުނީ އުމުރުން 65 އަހަރުވި ފަހުންނެވެ. އެކަން އެނގުނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައި ވެސް އޭނާ އަށް ތަދު ކަނޑުވަން "ޕެއިން ކިލާ" އެއް ބޭނުންކުރަން ނުޖެހުމުންނެވެ. އޭނާ އެފަހަރު ކުރީ އަތުގެ އޮޕަރޭޝަނެކެވެ. އޮޕަރޭޝަނަށް ފަހު އަތަށް ތަދުވުން އެކަށީގެންވާ ކަމަށް ޑޮކްޓަރުން އޮތީ ބުނެފަ އެވެ.
މި އޮޕަރޭޝަނުގައި ޖޯ އަށް އެއްވެސް ތަދެއް އިހްސާސް ނުވުމުން އޭނާގެ ހޭނައްތާ ޑޮކްޓަރު ޑެވްޖީތު ސްރީވަސްތަވާ ޖޯ ފޮނުވާލީ ޔުނިވަސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އާއި އޮކްސްފޯޑް ޔުނިވަސިޓީގެ "ޕެއިން ޖެނެޓިސައިޓްސް" އަސް ދައްކާށެވެ. ޓެސްޓްކުން އެނގުނީ އެހެން މީހުންނަށް ތަދު އިހްސާސްވާ ގޮތަށް ޖޯ އަށް އެކަން އިހްސާސް ނުވާ ކަމެވެ.
ޖޯ ބުނެފައިވާ ގޮތުގައި އޮޕަރޭޝަން ކުރި އިރު ތަދު ކަނޑުވަން ޕެއިންކިލާއެއް ބޭނުން ނުވާނެ ކަމަށް ބުނުމުން އެއްވެސް މީހަކު ގަބޫލެއް ނުކުރި އެވެ.
މި މައްސަލަ ހުރުމުން ޖޯ ވަނީ އޭނާގެ ސިއްހީ ހާލަތު ދެނެގަތުމަށް ޓެސްޓްތައް ހަދައިފަ އެވެ. ނަތީޖާ ދެއްކީ ސިއްހަތު ބަރާބަރު ކަމަށެވެ.
ޖޯ ބުނި ގޮތުގައި ދަރިއަކު ވިހޭއިރު ވެސް އޭނާ އަށް ތަދެއް އިހްސާސެއް ނުވެ އެވެ. އެކަން ވީ ވަރަށް ބޮޑު އަޖައިބަކަށް ކަމަށް އޭނާ ބުންޏެވެ.
ތަދު ނުވުމަކީ މާ މޮޅު ކަމެއްގެ ގޮތުގައި ބައެއް މީހުން ހީކޮށްފާނެ އެވެ. އެކަމަކު ޖޯ ބުނީ ތަދަކީ އިންޒާރެއް ކަމަށާއި އެ އިންޒާރު ނުލިބުމުން ވަރަށް ގިނަ އަނިޔާ ލިބޭ ކަމަށެވެ.
ޑޮކްޓަރުން ބުނާ ގޮތުން މި މީހާގެ ހަށިގަނޑުގައި ހުންނަ ފާރުތައް ވެސް އަވަހަށް ފަސޭހަވާނެ އެވެ. އަދި ކަންކަމާ ހާހެއް ވެސް ނުވާނެ އެވެ. -- ބީބީސީ