ސަރުކާރު މުވައްޒަފުން ހެނދުނު އޮފީހަށް ނުދާކަން ދުބާއީގެ ވެރިޔާ އަށް ފަޅާއަރައިފި
ސަރުކާރު މުވައްޒަފުން ހެނދުނު އޮފީހަށް ނުދާކަން ދުބާއީގެ ވެރިޔާ އަށް ފަޅާއަރައިފި

ދުބާއީ (އޮގަސްޓް 30) - ސަރުކާރު މުވައްޒަފުން ހެނދުނު އޮފީހަށް ނުދާކަން ދުބާއީގެ އަމީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށް ފަޅާ އަރައިފި އެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ނައިބް ރައީސް އަދި ބޮޑު ވަޒީރު ޝެއިޚް މަކްތޫމް ވަނީ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އޮފީސްތަކަށް އާދިއްތަ ދުވަހު ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ. އެކަމަކު އޭނާ އަށް އޮފީސްތަކުން ފެނިވަޑައިގެންނެވީ ވެރިން ތިބޭ ގޮނޑިތައް ހުހަށް ހުއްޓަ އެވެ.

ގަލްފް ނިއުސް އިން ބުނީ ދުބާއީގައި އާދައިގެ މަތިން އޮފީސްތަކުގެ މަސައްކަތް އޮންނަ އާދިއްތަ ދުވަހު އޮފީސްތަކުގެ މަސައްކަތް އިންސްޕެކްޓް ކުރެއްވުމުގެ މަސައްކަތް ޝެއިޚް މަކްތޫމް ފެއްޓެވީ ހެނދުނު 7:30 ގައި ކަމަށެވެ. އަދި އޮފީސްތަކުގެ ވެރިން މަސައްކަތުގައި މަސްއޫލުވެ ތިއްބަވާނެ ކަމަށް ޝެއިޚް އުއްމީދު ކުރެއްވި ކަމަށް ނޫހުން ބުނެ އެވެ. އެކަމަކު ސަރުކާރުގެ މީޑިއާ އޮފީހުން ޓްވިޓާގައި އާއްމުކުރި ވީޑިއޯ އިން ފެންނަނީ ޝެއިޚް މަޚްތޫމް އެކަނި އޮފީސްތަކުން ފެންނަ މަންޒަރެވެ. ދެން ފެންނަން ހުރީ ފާރުގައި ހަރުކޮށްފައިވާ އެ މަނިކުފާނުގެ ފޮޓޯތަކެވެ.

ޝެއިޚް މަކްތޫމް އޮފީސްތައް ބެއްލެވުމަށް މި ކުރެއްވި ޒިޔާރަތާ ގުޅިގެން ދުބާއީ މުނިސިޕަލްޓީ އޮފީހުގެ ސީނިއާ އަށް އޮފިޝަލަކު ރިޓަޔާ ކުރަން އަންގާފައިވާ ކަމަށް ޚަލީޖް ޓައިމްސް އިން ބުންޏެވެ.

ގަލްފު ނިއުސް އިން ބުނީ ހެނދުނު ގަޑީ އޮފީސްތައް ޗެކްކުރައްވަން ޝެއިޚް މަކްތޫމް ވަޑައިގެންނެވީ ދުބާއީން ބޭނުންވާ ފެންވަރަށް ޚިދުމަތް ދެވޭތޯ ބެއްލެވުމަށް ކަމަށެވެ.

ދުބާއީ މީޑިއާ އޮފީހުގެ ޑިރެކްޓާ ޖެނެރަލް މޫނާ އަލް މައްރީ ވިދާޅުވީ ޝެއިޚް މަކްތޫމް ބޭނުންފުޅުވީ މެސެޖެއް ދެއްވަން ކަމަށެވެ. ގަޑިއަށް ހާޒިރުވާން ޖެހޭނީ ވެރިންގެ އެންމެ މަތިން ކަމަށާއި ވެރިން ހާޒިރު ނުވާ ނަމަ އޭގެ ދަށުން ތިބޭ މުވައްޒަފުންނަށް ފިޔަވަޅު ނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.