01 އެޕްރީލް 2019 - 09:47

ދިވެހިރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި އާބާދީގެ 49.30 ޕަސެންޓު މީހުން ދިރިއުޅެނީ މާލޭގަ އެވެ. އެއީ ދައުލަތުގެ ހިންގުން މަރުކަޒީ އުސޫލުން ހިންގުމުގެ ސަބަބުންނާއި ވިޔަފާރިތައް މާލެއަށް ޖަމާވެފައި އޮތުމުންނާއި ވަޒީފާގެ ފުރުސަތުތައް ހޯދުމުގެ ބޭނުމުގައި މާލެ އާއި މާލެ ސަރަހައްދަށް ހިޖުރަކުރަން ޖެހިފައިވުމުން ނެވެ. އަދި މަތީ ތައުލީމާއި ބޭސް ފަރުވާ އާއި އެހެނިހެން އަސާސީ ބޭނުންތަކުގައި މާލެ އަންނަން ޖެހޭތީ، ދަތި ހާލުގައި ވެސް މާލޭގައި އުޅެން ގިނަ ރައްޔިތުން ހިޔާރުކުރާތީ އެވެ.

ދިވެހި ސަރުކާރާއި ޔޫއެންއެފްޕީއޭ ގުޅިގެން ތައްޔާރުކޮށްފައިވާ "ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އަންދާޒާ 2014-2054" އަށް ހަވާލާދީ ކްރޯ މޯލްޑިވްސްގެ މެނޭޖިން ޕާޓްނާ ހަސަން މުހައްމަދު ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް މުސްތަގުބަލުގައި މާލެ ތޮއްޖެހޭނެ ކަމަށެވެ. އަދި އެ ކަމަށް އޮތް އެންމެ ބޮޑު އެއް ހައްލަކީ ރައްޔިތުންނަށް ވެސް ފައިދާ ވާނެ ގޮތަށް ވިޔަފާރިތައް އެހެން އަތޮޅުތަކުގައި ތަރައްގީ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ އެރިޕޯޓްގައިވާ ގޮތުގައި، 2054 އަހަރު އަންނަ އިރު ރާއްޖޭގެ އާބާދީގެ 63.90 ޕަސެންޓު މީހުން މާލޭގައި ދިރިއުޅޭނެއެވެ.

މަރުކަޒީ އުސޫލުން ތަރައްގީކުރުމުގެ ސަބަބުން އިޖްތިމާއީ އެތައް މައްސަލަތަކެއް ރާއްޖެއަށް ކުރިމަތިވެފައިވާ އިރު، އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ގޯތި ގެދޮރުގެ މައްސަލަތަކާއި ވަޒީފާގެ މައްސަލަތަކެވެ. ގޯތި ގެދޮރުގެ ދަތިކަމުގެ ސަބަބުން ތަންތަނުގެ ކުލި ބޮޑުވެ، ދިރިއުޅުމުގެ ފެންވަރު ދަށްވާ ކަމަށް އެއްވެސް މީހަކު އިންކާރެއް ނުކުރާނެ. މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ، މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ގޯތި ގެދޮރުގެ މަޝްރޫއުތައް ހިންގުން ކަމުގައި ގިނަ ފަރާތްތަކުން ގަބޫލުކުރި ނަމަވެސް، މިކަމުގައި ހަސަން ދެކޭގޮތް ވަރަށް ތަފާތެވެ.
"މާލެ ތޮއްޖެހުމަށް އޮތް ހައްލަކީ ފްލެޓް އެޅުމެއް ނޫން. އެކަމަށް އޮތް ހައްލަކީ އަތޮޅުތަކުގައި ވަޒީފާ އުފެއްދުން،" ހަސަން ވިދާޅުވި އެވެ.
މި މައްސަލައަށް ހައްލެއް ހޯދަން އިސްނެގުމުގެ ގޮތުން 2014 ވަނަ އަހަރު ކްރޯ މޯލްޑިވްސް އިން ފުވައްމުލަކުގައި އޮފީހެއް ހުޅުވައި، އެ ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނެވެ. އަދި އެހެން ކުންފުނިތަކުން ވެސް، ވިޔަފާރިތައް ލާމަރުކަޒީކޮށް ހިންގުމުގެ ވިސްނުން ގެންގުޅެފި ނަމަ މި ހުވަފެން ހަގީގަތަކަށް ހެދިދާނެކަމަށް ހަސަން ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރު އޮފީސްތަކުގެ ބައެއް މަސައްކަތްތައް ވެސް ލާމަރުކަޒީ ކުރަން އެޅިދާނެ ފިޔަވަޅުތައް ހަސަން ފާހަގަކުރެއްވި އެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ލާމަރުކަޒީކޮށް އަތޮޅުތެރެއަށް ބަދަލުކޮށް، އަތޮޅުތައް ތެރޭގައި ވެސް ވަޒީފާ އިތުރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް އޮފީސްތަކުގެ ވަރަށް ގިނަ މަސައްކަތްތަކެއް ހަމައެކަނި އިންޓަނެޓް މެދުވެރިކޮށް ފޯރުކޮށްދޭ. އެ ހިދުމަތްތައް ދިނުމަށް އޮފީސްތަކުގެ ހުރިހާ މުވައްޒަފުން މާލޭގައި ތިބުމުގެ ބަދަލުގައި ރަށްރަށުގައި އޮފީސްތައް ހެދިދާނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްރޯގެ މަސައްކަތްތައް ދެ ސަރަހައްދެއްގައި ކުރި ނަމަވެސް ޚިދުމަތް ދިނުމަށް އެއްވެސް ބުރުލެއް ނާރާކަމަށެވެ. މިގޮތުން، އެ ފާމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް މަސައްކަތުގެ ބޮޑު ބައެއް ކުރަނީ، ފުވައްމުލަކު އޮފީހުގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
އަތޮޅުތަކުގައި ވިޔަފާރިތައް ފުޅާކުރުމުން ވިޔަފާރިތަކަށް އެތައް ފައިދާތަކެއް ލިބޭ ކަމަށް ހަސަން ވިދާޅުވި އެވެ. މިގޮތުން، އާއިލާއާ އެއްކޮށް ތިބެގެން ރަށުގައި ވަޒީފާ އަދާކުރުމުގެ ސަބަބުން މުވައްޒަފުންގެ މޯޓިވޭޝަން ރަނގަޅުވެ، ހިދުމަތް ދިނުމުގެ ފެންވަރު މަތިވެގެން ދާ ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އަމިއްލަ ރަށުގައި އާއިލާއާ އެކު ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު ލިބުމުން، ވަޒީފާއިން ކެނޑޭ މުވައްޒަފުންގެ ނިސްބަތް މަދުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަތީ ތައުލީމު އުނގަންނައިދޭ މަރުކަޒުތައް ފުވައްމުލަކުގައި ގާއިމުވެފައި ވެ އެވެ. އަދި އެތަން ތަނުން ކޮންމެ އަހަރަކު އެތައް ދަރިވަރުން ދަސްވެނިވަމުން އަންނައިރު، އަދާކުރާނެ ވަޒީފާއެއް ނުލިބުމަކީ ގައުމަށާއި ރައްޔިތުންނަށް ލިބިގެންދާ ވަރަށް ވެސް ބޮޑު ގެއްލުމެކެވެ. އަދި ވަޒީފާ ނެތި ގިނަ ބަޔަކު ތިބެން ޖެހުމަކީ އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް ދިމާވާ ކަމެއް ކަން ވެސް ހަސަން ފާހަގަކުރެއްވި އެވެ.
ރަށުގައި އުޅޭ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމާ ގުޅޭ ގޮތުން ހަސަން ވިދާޅުވީ، ފުވައްމުލަކުގެ އާބާދީގައި ގާތްގަނޑަކަށް 13،000 މީހުން ހިމެނޭ އިރު، ރަށުގައި ދިރިއުޅެނީ މަދުވެގެން 7،000 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނައީ އަންހެނުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ކްރޯގެ ފުވައްމުލަކު އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ 90 އިން ސައްތައަކީ އަންހެނުން. އަދި މާލެ އޮފީހާއި ފުވައްމުލަކު އޮފީހުގެ މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް ދިނުމުގައި އެއްވެސް ތަފާތެއް ނުގެންގުޅެން،" އޭނާ ވިދާޅުވި އެވެ.
ރަށުގައި އޮފީހެއް ހުޅުވުމުން ލިބޭ މަންފާ ބޮޑު ކަމަށް ހަސަން ފާހަގަކުރެއްވި އެވެ. އެއީ މާލެ އާއި އަތޮޅުތެރޭގެ ކުލީގެ ފަރަގު ބޮޑުވުމުންނެވެ.
"މާލެ އޮފީހުގެ ކުއްޔަށް އަޅުގަނޑުމެން ހޭދަކުރާ އަދަދުގެ ވަރަށް ކުޑަ ޕަސެންޓެއް ފުވައްމުލަކު އޮފީހުގެ ކުއްޔަށް ޚަރަދު ކުރަނީ،" ހަސަން ވިދާޅުވި އެވެ.
އެހެންކަމުން، މިއީ ކުރެވޭނެ ކަމެއް ކަން އެ ފާމުން ވަނީ ސާބިތުކޮށްދީފަ އެވެ. އެހެން އޮފީސްތަކުން ވެސް ކްރޯ މޯލްޑިވްސް އިން މިސާލު ނަގައިގެން މުޖްތަމައުއަށް ފައިދާ ކުރާނެ މިފަދަ މަޝްރޫއުތައް ފަށަންވީ ކަމަށް އޭނާ ވިދާޅުވި އެވެ.