31 މާޗް 2019 - 20:35

އޭޝިއާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓް (އޭޕީއެފްއެޗްއާރުއެމް) ގެ މެމްބަރުކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އަށް ލިބިއްޖެ އެވެ.

ރާއްޖޭގައި އެޗްއާރު ދާއިރާގައި އިސްވެ މަސައްކަތް ކުރާ ޖަމިއްޔާ އަށް މި މަގާމު ދިނީ މި މަހުގެ 16 ގައި ފިޖީ ގައި ބޭއްވި އޭޕީއެފްއެޗްއާރުއެމްގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް މާޕުން ބުންޏެވެ. އެ ބައްދަލުވުމުގައި މާޕް ތަމްސީލުކުރެއްވީ އެ ޖަމިއްޔާގެ ރައީސް ހުސައިން އަފީފާއި ނައިބު ރައީސް އަހުމަދު އިބްރާހިމެވެ.

އޭޕީއެފްއެޗްއާރުއެމްގެ މެމްބަރަކަށް މާޕް ވުމާ ގުޅިގެން އެ ފެޑަރޭޝަން ގައި ރާއްޖެ ތަމްސީލުކުރާނީ މާޕުންނެވެ.
"މިއީ މާޕް އަށާއި ރާއްޖޭގައި އެޗްއާރު ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރަކާއި ކާމިޔާބީ އެކެވެ،" މާފުން ނެރުނު ބަޔާނެއްގައި ވެ އެވެ.
އޭޕީއެފްއެޗްއާރުއެމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ހިންގާ އެޗްއާރު މެނޭޖްމަންޓް އެސޯސިއޭޝަންތައް ބައިވެރިވާ ފެޑަރޭޝަނެކެވެ. އެ ފެޑަރޭޝަންގެ މެމްބަރު ގައުމަކަށް ވުމުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ އިލްމީ ދިރާސާތައް އެއް ބަޔަކު އަނެއް ބަޔަކަށް ފުޅާދާއިރާއެއްގައި ބަދަލުކުރުމުގެ ފުރުސަތު ލިބުމެވެ.
މާޕުން ބުނިގޮތުގައި، އޭޕީއެފްއެޗްއާރުއެމްގެ މެމްބަރަކަށް ވުމުން، ރާއްޖޭގައި އެޗްއާރު ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ތަފާތު ގިނަ ފައިދާތަކެއް ލިބޭނެ އެވެ. އޭގެ ތެރޭގައި އެ ފެޑަރޭޝަންގެ މެމްބަރު ގައުމުތަކުގެ ބެސްޓް ޕްރެކްޓިސް ހިއްސާކުރުމާއި ރިސާޗް ޑާޓާބޭސްތަކުގެ ބޭނުން ކުރުމުގެ ފުރުސަތު ލިބުން ހިމެނެ އެވެ.
"އަދި ދުނިޔޭގެ ފެންވަރުގެ ސްޕީކާސް ރާއްޖެ ގެނައުމަށް ލުއިފަސޭހަވެގެންދާނެ އެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މެމްބަރު އެސޯސިއޭޝަން ތަކުން ބާއްވާ ހަރަކާތްތަކުގައި މާޕްގެ މެމްބަރުންނަށް ފަސޭހަކަމާ އެކު ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ،" މާފުން ބުންޏެވެ.
މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ، އޭޝިޔާ ޕެސިފިކް ފެޑަރޭޝަން އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މެމްބަރަކަށް މާޕް ވުމަކީ އެ ޖަމިއްޔާ އަށާއި މުޅި ރާއްޖެ އަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.
"އިގްތިސާދީ ގޮތުން ރާއްޖެ ކަހަލަ ގައުމުތަކާ ގުޅުން ބަދަހިކޮށް އިންސާނީ ވަސީލަތް ތަރައްގީ ކުރެވިގެންދާނެ ކަމީ ޖުމްލަ ގޮތެއްގައި މުޅި ރާއްޖޭގައި މި ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރި އެރުމެއް. މި ފުރުސަތު ހޯއްދަވައި ދެއްވި ސީއައިޕީއެމް، ސްރީ ލަންކާގެ ރައީސް އަދި ފެޑަރޭޝަންގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންދާ ދަމިކާ އަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." ހުސައިން އަފީފް ވިދާޅުވި އެވެ.
މި ފެޑަރޭޝަނެގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ފިޖީ، ހޮންކޮންގް، އިންޑިއާ، ޖަޕާން، ނިއުޒީލޭންޑް، ސިންގަޕޫރު ފަދަ ގައުމުތައް ހިމެނެ އެވެ.
އޭޕީއެފްއެޗްއާރުއެމަކީ ވޯލްޑް ފެޑަރޭޝަން އޮފް ޕީޕަލް މެނޭޖްމަންޓްގެ ވެސް މެމްބަރެކެވެ.
މާޕު އަކީ ހިއުމަން ރިސޯސްގެ ދާއިރާ އަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، އިންސާނީ ވަސީލަތުގެ ދާއިރާއާ ގުޅުން ހުރި ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގައިފަ އެވެ. އެގޮތުން ޖަމިއްޔާއިން މި މަހު ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައި ވެ އެވެ. މި ކޮންވެންޝަނަކީ މިގޮތަށް ރާއްޖޭގައި އެހާ ފުރިހަމަކޮށް ބޭއްވި ހަމައެކަނި ކޮންވެންޝަން ކަމަށް މާޕުން ބުނެ އެވެ.