31 މާޗް 2019 - 14:17

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ހިދުސްތާން މެރެތަންގެ ފުލް މެރެތަން ބައިގެ އެއް ވަނަ ރާއްޖޭގެ ދުވުންތެރިޔާ ނަސްރުﷲ އަހުމަދު ހޯދައިފި އެވެ.
ޖުމްލަ 42 ކިލޯމީޓަރު ޖަހަން ޖެހޭ ފުލް މެރެތަން ބައިން އޭނާ އެއް ވަނަ ހޯދީ 3 ގަޑި 29 މިނެޓު ދުވެގެންނެވެ. ނިއު ދިއްލީގެ ހޫނުމިން 35 ޑިގްރީ ސެލްސިއަސްގައި މިއަދު ހުރި އިރު ނަސްރު ބުނީ އޭނާގެ ކާމިޔާބަކީ އެކަމަށް ތައްޔާރުވުން ކަމަށެވެ.
"މި ކާމިޔާބީގެ ސިއްރަކީ ހޫނުގައި ޓްރެއިނިން ހަދާފައިވުން. ވަރުގަދަ އެތުލީޓުން ރޭހުގައި ދުވެ އެކަމަކު ހޫނަށް ކެތްނުކުރެވިގެން ހުއްޓާލީ،" ނަސްރު ބުންޏެވެ.
ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ނަސްރު ވަނީ މިމެރެތަން އާ އެކު ޖުމްލަ 42 މެރެތަން ދުވެފަ އެވެ. އޭނާ އަކީ އެންމެ ގިނަ މެރެތަން ނިންމި ދިވެހި ދުވުންތެރިޔާގެ ރެކޯޑް އޮންނަ ދުވުންތެރިޔާ އެވެ.
ސިފައިންގެ ސްޓާފް ސާޖަންޓްގެ މަގާމުގައި ހުރި ނަސްރު ދުވުމުގެ ތެރެއަށް ވަނީ 2000 ގެ ކުރީކޮޅު އެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި އޮތް އެތުލެޓިކްސް މުބާރާތެއްގެ 5000 މީޓަރު ދުވުމުގައި، ފަސް ވަނާގައި އޮވެ އެންމެ ފަހު 400 މީޓަރުގައި ހިފި ގޮތަށް ގޮސް ތިން ވަނަ ލިބުނު ހިސާބުން އޭނާގެ ސަމާލުކަން ދިގު ދުވުންތަކަށް ހުއްޓުނީ އެވެ. އަދި 2008 ގައި އޮތް އެމްޓީސީސީ މެރަތަން ރޭސް ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމުމައި ދިގު ރާސްތާ ދުވުންތަކުގެ ތެރެއަށް ރަސްމީކޮށް ވަނެވެ.
ދުވުމުގެ އިތުރުން އޭނާ މިހާރު ވެސް އޮންލައިންކޮށް ކޯޗިން ޕްރޮގްރާމް ވެސް ހިންގަ އެވެ. މިވަގުތު ރާއްޖޭގައި އެންމެ ކުރިއަރަމުން އަންނަ މެރެތަން ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) ގެ ތަމްރީންތައް ވެސް ބައިނަލްއަގްވާމީ ކޯޗެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަނީ ނަސްރު އެވެ.