31 މާޗް 2019 - 15:22

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތިމާގެ ބޭފުޅަކަށް 100 އަހަރު ފުރުމުގެ ހަފުލާ ކުލަގަދަކޮށް އިއްޔެ ބާއްވައިފި އެވެ.

މި މަހުގެ 25 ގައި 100 ފުރުނީ މައުމޫންގެ ބައްޕާފުޅާ ދެބެންގެ ދެދަރި އަހްމަދު މަނިކަށެވެ. އޭނާގެ އުފަން ދުވަސް ފާހަގަކުރަން އިސްނެންގެވީ މައުމޫނެވެ. އެ ހަފުލާގައި އެ އާއިލާގެ 25 ބޭފުޅުންނާ އެކު ޖުމްލަ 70 މީހުން ބައިވެރިވި އެވެ.
"ވަރަށް ބޮޑު އާއިލާއެއް. އެ ހަފުލާ އިން ފާހަގަވި އުމުރުގެ ތަފާތަކީ އާދަޔާޚިލާފު ކަމެއް، އެއީ ހަ މަހުން ފެށިގެން 100 އަހަރާ ދެމެދު. އެއް ބޭފުޅަކު އުރައިގެން އިންނެވި [އަހްމަދު މަނިކަށް] މުނިކާފަ ވިދާޅުވާ ހަ މަހުގެ ތުއްތު ބޭފުޅަކު ވެސް،" މައުމޫން "މިހާރު" އަށް ވިދާޅުވި އެވެ.
އާއިލީ ގުޅުން އިތުރަށް ބަދަހިވެ، ހަނދާންތަކެއްގެ ތެރެއަށް ދޫކޮށްލެވުނު އެ ހަފުލާ، އުމުރުފުޅުން 81 އަހަރުގެ މައުމޫން ސިފަކުރެއްވީ އުފާވެރި، ތާރީޚީ ކަމެއްގެ ގޮތުގަ އެވެ. އަހްމަދު މަނިކުގެ ކޭކު ފެޅުއްވުމުގައި، އާއިލީ ގޮތުން ގާތް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އަވަށްޓެރިއެއް ކަމަށްވާ ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލް ބައިވެރިވެވަޑައިގަތް ކަން މައުމޫން ފާހަގަކުރެއްވި އެވެ.
ކޭކު ފެޅުމާ އެކު ބޭއްވި އާއިލީ އެއްވުމުގައި އަހްމަދު މަނިކަށް އުފަންދުވަހުގެ ތަހުނިޔާ ދެންނެވީ ޚާއްސަ ޅެމަކުންނެވެ.
އުމުރުފުޅުން 100 އަހަރު ވިޔަސް އަހްމަދު މަނިކު ބޭރަށް ނުކުމެވަޑައިގެން ހިންގަވާ އުޅުއްވަ އެވެ. ސިއްހީ ގޮތުން މާ ބޮޑެތި މައްސަލަތަކެއް ވެސް ކުރިމަތިވެވަޑައިގެންފައި ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަހްމަދު މަނިކު ވަނީ ސަރުކާރުގެ އެކި މަގާމްތަކާއި މ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވައިފަ އެވެ.
"ވަރަށް ޚިދުމަތްތެރި ހަރުދަނާ ބޭފުޅެއް އެއީ. އާއިލާގެ މީހުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ. އަޅގަނޑުމެންގެ ލޯތްބާއި ގަދަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް އެއީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް އެ އާއިލާގެ ބޭފުޅަކަށް 100 އަހަރު ފުރިގެން އެކަން ފާހަގަކުރި އެވެ.
"މިއީ އަޅުގަނޑުގެ އާއިލާގެ ބޭފުޅަކަށް 100 އަހަރު ފުރުން ފާހަގަކުރި ދެ ވަނަ ފަހަރު. މީގެ ކުރިން އެހެން ބޭފުޅަކަށް ވެސް 100 އަހަރު ފުރިގެން އެކަން ފާހަގަކޮށްފައި ވާނެ،" މައުމޫން ވިދާޅުވި އެވެ.
އެ ފަހަރު އާއިލާގެ އަންހެން ބޭފުޅެއް ކަމަށްވާ ދާންނާގޭ ސިއްތި އަށް 100 އަހަރު ފުރުން އަމީނިއްޔާ ސްކޫލް ހޯލުގައި ފާހަގަކުރީ، މައުމޫން ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް މީގެ 15 ވަރަކަށް އަހަރު ކުރިން އެމަނިކުފާނުގެ ރައީސް ކަމުގަ އެވެ. އެއީ ކާމިނީގޭ ދޮންމަނިކުގެ އަނބިކަނބަލުންނެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޮޑުބޭބެ އަކު އުމުރުފުޅުން 99 އަހަރުގައި ވެސް އަވަހާރަވި އެވެ. އެއީ މާފަތްގޭ ހަސަން މަނިކެވެ. އެއްބަނޑުއެއްބަފާ ދައްތާފުޅު ސަކީނާ އަވަހާރަވީ މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން އުމުރުފުޅުން 94 އަހަރުގަ އެވެ.