އެމްބަސީ އަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ނޯތު ކޮރެއާ
އެމްބަސީ އަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ނޯތު ކޮރެއާ

ޕިއޮންޔޮން (މާޗް 31) - ސްޕޭނުގައި ހުންނަ ނޯތު ކޮރެއާގެ އެމްބަސީ އަށް މިދިޔަ މަހު ބަޔަކު ހަތިޔާރާ އެކު ވަދެ މުހިންމު ލިޔުންތަކެއް ގެންދިއުމަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ޕިއޮންޔަންގް އިން ބުނެފި އެވެ.

ނޯތު ކޮރެއާ އިން ވަނީ އެ ހަމަލާ ތަހުގީގު ކުރުމަށް ގޮވާލައިފަ އެވެ. އަދި އެފްބީއައިގެ އަތެއް އެކަމުގައިވާ ކަމަށް ބުނާ ވާހަކަތަކަށް ސަމާލުކަން ދެމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އެމްބަސީ އަށް ވަދެ ލިޔުންތައް ގެންދިޔަ ކަމަށް އެއްބަސްވެފައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވެރިކަމުން ދުރުކުރަން މަސައްކަތް ކުރާ ގްރޫޕެއް ކަމަށްވާ ކެއޮލީނާ ސިވިލް ޑިފެންްސް އިންނެވެ. އެ ގްރޫޕުން ވަނީ އެމްބަސީގައި ހުރި ކޮމްޕިއުޓަރުތަކާއި ޑޭޓާތައް ހިފައިގެން ފިލައިފަ އެވެ. އަދި އެ ތަކެތި އެފްބީއައިއާ ހަވާލުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން ދެ އަމުރެއް މިހާރު ވަނީ ނެރެފަ އެވެ.

އެ ގްރޫޕުން ވަނީ އެމްބަސީގެ ސްޓާފުން އެތައް އިރެއްވަންދެން ރަހީނުކޮށްފަ އެވެ. އޭގެ ތެރޭން އަންހެން ސްޓާފަކު ވަނީ ކުޑަދޮރުން ފުންމާލައިގެން ނުކުމެ އެހީ އަށް އެދި ގޮވައިފަ އެވެ. އެ ހިސާބުގެ މީހުން ވަނީ ފުލުހުންނަށް އެކަން އަންގައިފަ އެވެ. އެކަމަކު އެމްބަސީ ހިސޯރުކުރި މީހުން ވަނީ ޑިޕްލޮމެޓިކް ވެހިކަލްތަކުގައި ޑޭޓާތައް ހިފައިގެން ފިލައިފަ އެވެ.