30 އޯގަސްޓް 2016 - 14:07

ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހޭދަކޮށްގެން ގެންނަ ބޮޑު ކޮންނަބޯޓު، "މަހާ ޖަައްރާފު" ބަނުމުގެ މަސައްކަތް މިދިއަ ބުރާސްފަތިދުވަހު، ޗައިނާގައި، ފަށައިފި އެވެ.

އެމްޓީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގައި ބަންނަމުން އަންނަ ކޮންނަބޯޓުގެ ފަށަން ބަހަައްޓަން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަަރަފުވެރި ކޮށްދެއްވީ، އެމްޓީސީސީން ބުނި ގޮތުގައި، އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ޒިޔަތާއި ޗެއާމަން ހުސެން ސާލިމް މުހައްމަދެވެ.
އާ ކޮންނަބޯޓާ އެކު ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައި، އެ ބޯޓު ބޭނުންކޮށްގެން ހިންގޭނެ ކަމަށް، ޒިޔަތު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ކޮންނަބޯޓުގެ ސަބަބުން އެމްޓީސީސީ އާ ހަރުފަތަކާ ދިމާލަށް މިސްރާބު ޖަހާނެ އެވެ. ސަރުކާރުން ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ވުރެ ހަލުއިވެގެން ދާނެ ކަމަށް ވެސް އޭނާއާ ހަވާލަދީ ބަޔާނުގައިވެ އެވެ.
"މަހާ ޖައްރާފް"ގެ ދިގުމިނުގައި 90 މީޓަރު ހުރެ އެވެ. އަދި 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުންނަ މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ކޮންނަބޯޓު ބަނުމުގެ ހުރިހާ މަސައްކަތެއް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި ޓެސްޓް ކުރުމަށް ފަހު އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ގެނެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.