އާސެނަލަށް ބަދަލުވާން ވިސްނައިދިނީ އޮޒިލް: މުސްތަފީ
އާސެނަލަށް ބަދަލުވާން ވިސްނައިދިނީ އޮޒިލް: މުސްތަފީ

ލަންޑަން (އޮގަސްޓް 30) - އާސެނަލަށް ބަދަލުވާން ވިސްނައިދިނީ އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލް ކަމަށް އެ ޓީމާ ދާދި ފަހުން ގުޅުނު ޖަރުމަން ޑިފެންޑަރު ޝޮރްދާން މުސްތަފީ ބުނެފި އެވެ.

ސްޕެއިނުގެ ވެލެންސިއާ އަށް ކުޅޭ މުސްތަފީ އާސެނަލް އަށް ބަދަލުވުމުގައި މިހާރު ނުނިމި އޮތީ ހަމައެކަނި އެއްބަސްވުމުގައި ސޮއިކޮށްލުމެވެ. މި ހަފުތާގެ ފަހުކޮޅު އޭނާ އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރާނެ އެވެ.

އާސެނަލަށް އޮޒިލްގެ އިތުރުން ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު ޕާ މާޓަސެކާ ވެސް ކުޅެ އެވެ.

"އަހަންނާ މާޓަސެކާއާ ދިމާނުވޭ. އޭނަ މާ ކުރިން ގައުމީ ޓީމަށް ކުރިން ހުއްޓާލައިފި. އެކަމަކު އަހަރެން އޮޒިލްއާ ވާހަކަދެއްކިން. އަހަރެން ބޭނުންވި ހުރިހާ ކަމެއް އޭނާ ކިޔައިދިނިން. ހުރިހާ ކަމެއް ވެސް ޕޮޒިޓިވް. އެހެންވެ ވަރަށް ފަސޭހައިން އެއްބަސްވެއްޖައިން،" މުސްތަފީ ބުންޏެވެ.

އިންގްލެންޑުގެ އެވަޓަން އިން ކެރިއަރު ފަށައި އިޓަލީގެ ސަމްޕްޑޯރިއާއަށް ކުޅެފައިވާ މުސްތަފީ ބުނީ އާސެނަލްއަކީ އަބަދުވެސް އޭނާ އަށް ވަރަށް ކަމުދާ ޓީމެއް ކަމަށެވެ.

"އާސެނަލުން ކުޅެނީ އާއްމު އިނގިރޭސި ފުޓްބޯޅައެއް ނޫން. ސްޕެނިޝް ފުޓްބޯޅައެއް ކުޅެނީ. ޖަރުމަން ގައުމީ ޓީމާ ވެސް އެއްގޮތް. ބޯޅަ ތިރިކޮށްގެން ކުޅޭ ޓީމެއް މިއީ،" މުސްތަފީ ބުންޏެވެ.