އަކްޝޭ ކުމާރު ތަމަޅަ ފިލްމު "ކަންޗަނާ" ގެ ހިންދީ ރިމޭކެއް ހަދަނީ
އަކްޝޭ ކުމާރު ތަމަޅަ ފިލްމު "ކަންޗަނާ" ގެ ހިންދީ ރިމޭކެއް ހަދަނީ

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީން ތަމަޅަ ބަހުން މުނީ (ކަންޗަނާ) ގެ ނަމުގައި ގެނެސްދޭ ކާމިޔާބު ހޮރޯ ކޮމެޑީ ފްރެންޗައިޒްގެ ހިންދީ ރިމޭކެއް ހަދަން އަކްޝޭ ކުމާރު ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަކްޝޭ ޕްރޮޑިއުސްކޮށް، އެކްޓް ވެސް ކުރާ ފިލްމުގެ ރައިޓްސް މިހާރު ހޯދާފައިވާ އިރު، މީގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފަށަން ވަނީ ނިންމައިފަ އެވެ. ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި "މުނީ" ގެ ހިންދީ ފިލްމުގެ ކާސްޓަށް ޒުވާން ބަތަލާ ކިއާރާ އަދުވާނީ އާއި ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ސައުތުގެ އެކްޓަރު އާރް މަދަވަން ވަނީ ހަމަޖައްސައިފަ އެވެ.

އަކްޝޭ މުހިއްމު ރޯލެއް ކުޅޭ "ގުޑް ނިއުސް" ގެ ކާސްޓްގައި ވެސް ހިމެނޭ ކިއާރާއަކީ 2014 ގައި އަކްޝޭ ޕްރޮޑިއުސްކުރި ފިލްމު "ފަގްލީ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން "ކަންޗަނާ" ގެ ރިމެކްގައި އޭނާ ފެނިގެން ދާނި އަކްޝޭގެ ލޯބިވެރިޔާގެ ރޯލުންނެވެ.

އަންނަ އަހަރުގެ ތެރޭގައި މި ފިލްމު ރިލީޒް ކުރާ ގޮތަށް ފިލްމުގެ މަސައްކަތް އަންނަ މަހު ފެށި ނަމަވެސް، "މުނީ" ގެ ހިންދީ ރިމެކް ޑައިރެކްޓް ކުރާނެ މީހަކު އަދި ނުނިންމަ އެވެ. މި ސީރިޒްގެ ދަށުން ގެނެސް ދިން ހުރިހާ ފިލްމުތައް ވެސް ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅެފައި ވަނީ ރަގަވާ ލޮރެންސެވެ.

އަކްޝޭ މީގެ ކުރިން ވެސް ވަނީ ސައުތުގެ ހޮރޯ ކޮމެޑީއެއްގެ ހިންދީ ރިމެކެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ސައުތުގެ 1993 ގެ ފިލްމު މަލަޔާޅަމް ފިލްމު "މަނިޗިތުރާތަޒޫ" އަށް ބިނާކޮށް 2007 ގައި ޕްރިޔަދަރްޝަން ޑައިރެކްޓް ކުރި "ބޫލް ބުލައްޔާ" އެވެ.

"މުނީ" ގެ ހިންދީ ރިމެކެއް ހަދަން އަކްޝޭ ނިންމި އިރު، އޭނާ ދާދި ފަހުން ވަނީ "ލަކްޝްމީ" ކިޔާ ހޮރޯ ކޮމެޑީއަކަށް ވެސް ސޮއިކޮށްފަ އެވެ.

މެއި މަހު ރޯހިތު ޝެޓީގެ "ސޫރިޔާވަންޝީ" ގެ ޝޫޓިން އަކްޝޭ ފަށާ އިރު، މި އަހަރުގެ އޮގަސްޓް 15 ގައި އޭނާގެ "މިޝަން މަންގަލް" އަދި އޮކްޓޯބަރު 25 ގައި "ހައުސްފުލް 4" ރިލީޒް ކުރާނެ އެވެ. އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ ސިނަމާތަކުގައި މިހާރު ރަސްކަން ކުރަމުން އަންނަ "ކޭސަރީ" އެވެ.