31 މާޗް 2019 - 12:45

ސަރުކާރުން ރައްޔިތުންނަށް ދަތިވާ ގޮތަކަށާއި ނިކަމެތިވާނެ ގޮތަކަށް ދުވަހަކު ވެސް ކަމެއް ނުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ށ. ފޯކައިދޫގައި ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ކެމްޕެއިނަށް ފޯކައިދު އަށް ވަޑައިގެން ނައިބު ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބުނު އިރު، ރައްޔިތުންގެ އެތައް ހައްގުތަކެއް އުނިކޮށް، ރައްޔިތުންނަށް ބިރު ދައްކާފައިވާ ކަމަށެވެ.
އެހެންވެ، ރައްޔިތުން ކުރިއަށް އޮތް ތަނުގައި އަނިޔާވެރިކަމާއި ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ތެދުވެރި، އަމާނާތްތެރި، ހިތްތިރި ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ގަބޫލު ކުރަން ޖެހޭ ކަމަކީ މީހަކަށް މަގާމެއް ލިބުނީތީ އެމީހަކު ބަދަލުވެގެން ނުދޭ. ފޮނިކަމާއި ކިބުރުވެރިކަމަކީ އަޅުގަނޑުމެން ގަބޫލު ކުރާ ސިފަތަކެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެއް ދާއިރާއަކަށް އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެނީ ތައުލީމީ ދާއިރާއަށެވެ. އެގޮތުން، ތައުލީމީ ދާއިރާ އަށް މި އަހަރު 3.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅި އިރު، ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެތައް ކަމެއް ފުއްދާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާ އިން މިސާލު ނަންގަވައި، ފައިސަލް ވަނީ ހިލޭ ފުރަތަމަ ޑިގްރީ އަށް ކިޔެވޭ ގޮތް ހެދުމާއި ސްކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ދޭން ފެށިކަން ފާހަގަ ކުރައްވައިފަ އެވެ. އަދި ކަރަންޓާއި އެތެރޭގެ އުދުހުންތައް އަގުހެޔޮކޮށްފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރަށް މަޖިލިހުގެ އަޣުލަބިއްޔަތު އޮތް އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތް ބޮޑު ކުރަން ހުށަހެޅި ބިލް ފާސް ނުކުރީ ޕީޕީއެމްގެ މެމްބަރުންނެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ކަން ފައިސަލް ކުރެއްވި އިރު، އެމަނިކުފާނު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ތައުލީމް ލިބޭ ބިލެއް މަޖިލިހަށް ހުށަހަޅުއްވައިފަ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ 2،000ރ. ގެ ބަދަލުގައި 5،000ރ. ދިނުމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ބިލެއް ހުށަހެޅުއްވި އެވެ.
އެކަމަކު، ޕީޕީއެމްގެ މެމްބަރުންގެ ވޯޓާއެކު، މަޖިލިހުން ވަނީ އެ ބިލްތައް ބޭރުކޮށްލައިފަ އެވެ.
ފައިސަލް ރޭ ވެސް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުމަށްޓަކައި ސަރުކާރަށް އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ. އަދި ސަރުކާރުން ވައުދުވެފައިވާ ކަންކަން ކުރުމަށް ގާނޫނީ ބާރު ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ސަރުކާރަކީ ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރާނެ ސަރުކާރެއް ނޫން. ބަޔަކު ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަންކަން ކުރީމަ، އަޅުގަނޑުމެން ނެތިން އެކަން ކުރާކަށް،" ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރާ އިރު، އެއީ ތެދުވެރި، ނަޒާހަތްތެރި ބޭފުޅަކަށް ވާން ޖެހެ އެވެ. އަދި މަޖިލިހަށް މެމްބަރުން ވަޑައިގަންނަވަނީ އަމިއްލަ ކަންކަން އިސްކޮށް، މަގާމުގެ ނުފޫޒު ބޭނުން ކުރައްވަން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.