31 މާޗް 2019 - 12:11

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތައް ޗާޕްކުރީ ނޮވެލްޓީ ޕްރިންޓާސް އަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264،442 އެވެ. ޝަރީފް ވިދާޅުވި ގޮތުގައި، މިފަހަރުގެ އިންތިޚާބަށް 267،159 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފަ އެވެ. ގާނޫނުގައި ބުނާ ގޮތުން، ވޯޓުލާ އާބާދީގެ އެއް ޕަސެންޓް އިތުރަށް ވޯޓު ކަރުދާސް ޗާޕްކުރަން ޖެހޭނެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މިފަހަރު ބޭނުންކުރާ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ދެ ފީޗާއެއް ހިމަނާފައިވެ އެވެ. އަދި ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކޮށްފައި ހުންނާނީ ކަޅާއި ހުދުން ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާހުގައި ސެކިއުރިޓީ ތިން ފީޗާއެއް ބޭނުން ކުރިއިރު، ކަރުދާސް ޗާޕް ކުރީ ކުލަކޮށެވެ.
"އަޅުގަނޑު ލަފާކުރާ ގޮތުގައި 2.6 މިލިއަން ރުފިޔާ އެންމެ އަގު ހެޔޮކޮށް ހުށަހަޅާފައި އޮތީ. އެހެންވެ، ފިނޭންސް މިނިސްޓްރީ އަށް ފޮނުވީމަ ޓެންޑަ ބޯޑުން އެކަމުގައި ގޮތެއް ނިންމީ،" ޝަރީފް ވިދާޅުވި އެވެ.
މާލިއްޔަތު ގަވައިދުގައިވާ ގޮތުން 2.5 މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް އެއްވެސް ކަމެއްގައި ހަރަދެއް ކުރާ ނަމަ، އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުންނެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ އާންމު އިންތިޚާބުގައި ވޯޓު ކަރުދާސްތައް ޗާޕްކުރުމަށް ބިޑްކުރީ ނޮވެލްޓީގެ އިތުރުން އެމް7 އެވެ. އެންމެ ގާބިލް ބަޔަކީ ނޮވެލްޓީ ކަމަށް ކަނޑައަޅައި، އެ މަސައްކަތް އީސީން އެ ކުންފުންޏާ ހަވާލުކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ.
މަޖިލީހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕްކޮށްދޭން ހުށަހެޅި ނޮވެލްޓީ އާއި އެމް7 އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވޯޓު ކަރުދާސް ޗާޕްކުރަން ބިޑް ކުރި ދެ ކުންފުންޏެވެ. އެކަމަކު، އެ ފަހަރު ޗާޕް ކުރަން ހަވާލު ކުރީ އެމް7 އާ އެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕުކުރީ އެކަމަށް ކުރިމަތިލި ދެ ވަނަ ޗާޕުހާނާ އިން ހުށަހެޅި އަގަށް ވުރެ ތިން މިލިއަން ރުފިޔާ ބޮޑުކޮށެވެ. ކުޑަ އަގެއް ހުށަހެޅީ ނޮވެލްޓީންނެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޗާޕުޚާނާ އިން ހުށަހެޅީ 25 ވޯޓު ކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަގަކަށް އެމް7 އިން ހުށަހެޅީ 345.85ރ. އެވެ.
ވޯޓު ކަރުދާސް ޕްރިންޓް ކުރަން ނޮވެލްޓީން ބިޑް ހުށަހަޅައި، ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް އެ ބިޑްތައް ބާތިލް ކުރުމަށް ފަހު، އެމް7 އަށް އެ މަސައްކަތް ދިނީ ވަކި ގޮތަކަށް އިންތިޚާބުގެ ކަންކަން އަނބުރާލަން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުވި އެވެ.
ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާހާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިކޮށް، އެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އޭގައި އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލުކުރި ގޮތެވެ.
އީސީ އަށް އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެމުން ބުނެފައި ވަނީ އެމް7 އަށް އެ މަސައްކަތް ދިނީ ސީދާ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުއްދަ ދެއްވައިގެން، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.