31 މާޗް 2019 - 10:54

އިންގެލެންޑާއި އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން ސޭމް އެލަޑައިސް، ހުސްވެފައިވާ އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނާ ހަވާލާދީ މީޑީއާ އިން ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ ކޯޗުކަން ހުސްވީ ނިމިގެން ދިޔަ އޭޝިއަން ކަޕަށް ފަހު އިންގްލެންޑުގެ ސްޓެފަން ކޮންސްޓެންޓިން މަގާމުން ވަކިވުމުންނެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުން ތައިލެންޑް އަތުން 4-1 އިން މޮޅުވި ނަމަވެސް އިންޑިއާ ކެޓީ ފަހު މެޗުގައި ބަހުރޭން އަތުން ފަހު ވަގުތު 1-0 އިން ބަލިވެ ގްރޫޕުގެ ފުލަށް ދިއުމުންނެވެ. މެޗު އެއްވަރުވި ނަމަވެސް އިންޑިއާ އަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ.
އިންޑިއާ ކޯޗުކަމަށް އިންގްލެންޑްގެ ކުރީގެ ކޯޗު ސްވެން ގޯރަން އެރިކްސަން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އޭގެ އިތުރުން ވެސް އެހެން ކޯޗުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެންމެ މަޝްހޫރު ނަމަކީ އެލަޑައިސް އެވެ. ދެން ގިނައީ އިންޑިއަން ޕްރިމިއާ ލީގާއި އައި ލީގުގައި މަސައްކަތްކުރި ބިދޭސީ ކޯޗުންނެވެ.
މިހާރު އޮތްގޮތުން ރިޕޯޓްތައް ބުނާގޮތުން އިންޑިއާ އިން އެންމެ ބޮޑަށް ބޭނުންވަނީ އެލަޑައިސް އެވެ. އެ ކަމަށް ބާރު ލިބޭ އެއް ސަބަބަކީ އެލަޑައިސްގެ އޭޖެންޓް ދާދި ފަހުން އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ބައެއް އޮފިޝަލުންނާ ބައްދަލުކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވުމެވެ.
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ގިނަ ކޯޗުންގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި ކޯޗެއް ހަމަޖައްސާނީ ޓެކްނިކަލް ކޮމިޓީން ހުރިހާ ހުށަހެޅުމެއް ރިވިއު ކުރުމަށް ފަހު ކަމަށެވެ. އެ ގޮތުން އެންމެ އަވަހަށް ވެސް ކޯޗެއް ހަމަޖެއްސޭނެ ކަމަށް ބެލެވެނީ އަންނަ މަހު 15 ވަނަ ދުވަހު ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތަފާތު 11 ކްލަބަށް ކޯޗުކޮށްދިން އެލަޑައިސް އެންމެ ފަހުން އިރުޝާދުދިނީ އެވަޓަން އަށެވެ. އެ ޓީމުގެ ކޯޗުކަމުން އޭނާ ވަކިކުރީ މިދިޔަ އަހަރު މެއި މަހު އެވެ. ގައުމީ ޓީމެއްގައި މިހާތަނަށް އެލަޑައިސް މަސައްކަތްކުރީ ހަމައެކަނި އިންގްލެންޑްގަ އެވެ. އެކަމަކު އެއީ އެންމެ ރަނގަޅު ތަޖުރިބާއެއް ނޫނެވެ.
އިންގްލެންޑުގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވެ އެންމެ މެޗެއްގައި ކޯޗުކޮށްދެވުނުތަަނާ އެ އަހަރު ސެޕްޓެމްބަރު މަހު އެލަޑައިސް މަގާމުން ވަކިކުރީ އިނގިރޭސި ނޫހަކުން ހިންގި ސިއްރު އިންޓަވިއުއެއްގައި އެފްއޭ އާއި އިނގިރޭސި ފުޓްބޯޅަ އަށް މަލާމާތްކޮށް ވާހަކަދައްކައި އަދި އެފްއޭގެ ގަވާއިދުތަކަށް ފާޑުކިޔުމުންނެވެ.
އޭގެ ފަހުން އަލުން ކޯޗިން އަށް އެނބުރި އައިސް އެލަޑައިސް މަސައްކަތްކުރީ ކްރިސްޓަލް ޕެލަސްގަ އެވެ. އެ ޓީމުން ވަކިކުރުމުން ފަހު އެވަޓަންގައި މަސައްކަތްކޮށް މިދިޔަ 10 މަސް ދުވަހު އޭނާ ހުރީ ހުސްކޮށެވެ.