31 މާޗް 2019 - 09:27

މިއުނިކް (މާޗް 31) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކް ކުޅުނު މެޗުން ފްރެއިބާގާ 1-1 އިން އެއްވަރުވުމުގެ ފައިދާނަަގަން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ފަހު ވަގުތު ވުލްފްސްބާގް 2-0 އިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް އަލުން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.
ޑޯޓްމަންޑް އެއް ވަނައިގައި އޮތީ ކުޅުނު 27 މެޗުން 63 ޕޮއިންޓާ އެކު އެވެ. ބަޔާން ދެ ވަނައިގައި އޮތީ 27 މެޗުން 61 ޕޮއިންޓާ އެކު އެވެ.
ފްރެއިބާގް ދަނޑުގައި ކުޅުނު މެޗު ފަށައިގެން މާ ގިނަ އިރުތަކެއްނުވެ އެ ޓީމުން ވަނީ ބަޔާން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ލީޑުނަަގައިފަ އެވެ. މި ލަނޑު ޖެހީ ލޫކަސް ހޯލާ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ބަޔާނަށް އެއްވަރުކޮށްދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. މިއީ ކުރިން ޑޯޓްމަންޑަށް ވެސް ކުޅުނު ލެވަންޑޯސްކީ ޖަރުމަނު ފުޓްބޯޅައިގައި ޖެހި 199 ވަނަ ގޯލެވެ.
ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ވަނީ ރޭގެ މެޗަށް ފަހު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
"މިއީ ވަރަށް ހިތްހަމަނުޖެހުންތަކެއް ހުންނާނެ ހާލަތެއް. އަހަރެމެން ވަރަށް މަސައްކަތުން ޑޯޓްމަންޑާ އަރާހަމަކުރީ. އަލުން އެއް ވަނަ އަށް އެރުން ފަސޭހަނުވާނެ. މި މެޗު މިހެން ވީމަ ދެން ކުޅުންތެރިންނަށް އޮތް ބުރަ މަސައްކަތް ދެން އޮތް މެޗަށް ކުރިމަތިލާއިރު އެނގޭނެ. އެކަމަކު ބަޔާނަކީ ފަހަތަށް ޖެހޭނެ ޓީމެއް ނޫން،" ކޮވަޗް ބުންޏެވެ.
އަމިއްލަ ދަނޑުގައި ވުލްފްސްބާގާ އެއްވަރުވާން ދަނިކޮށް ޑޯޓްމަންޑް މޮޅުކޮށްދިނީ ކުރިން ބާސެލޯނާ އާއި ވެލެންސިއާ އަށް ކުޅުނު ފޯވާޑް ޕަކޯ އަލްކަސޭރް އެވެ. އޭނާ ވަނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ.
ރޭގެ މެޗުގައި ޑޯޓްމަންޑްގެ ކެޕްޓަން މާކޯ ރެއުސް ނުކުޅުނީ ދަރިއަކު ލިބުމުގެ ސަބަބުން އާއިލާ އަށް ވަގުތުދޭން ޓީމުން އޭނާ ވީއްލާފައި ހުރުމުންނެވެ. ރޭގެ މެޗުގައި ޑޯޓްމަންޑް ލީޑުކުރުމުގައި ހަރަކާތްތެރިވީ މާރިއޯ ގޮޓްޒާ އެވެ. ގޮޓްޒާ ބުނީ މެޗު ދިޔަ ގޮތުން އެންމެ ފަހު ވަގުތުގައި ވެސް ލަނޑު ޖެހޭނެ ކަމުގެ އުއްމީދު އޮތް ކަމަށާއި އެކަން ހާސިލްވީ މުޅި ޓީމުން ވެސް އެ ހިތްވަރުގައި މަސައްކަތްކުރުމުން ކަމަށެވެ.