31 މާޗް 2019 - 08:49

ޕޯކެމޮން ގޭމް ކުޅުމަކީ އެތައް ބަޔަކު ދެވި ހިފާފައިވާ ކަމެކެވެ. ޓައިޕޭ އަކީ މި ގޭމަށް ފޯރި ހުންނަ މީހުން ވަކިން ގިނަ ގައުމެއްގެ ގޮތުގައި ފާހަގަވެފައި އޮންނައިރު އޭގެ ތެރެއިން ވެސް އެކަކު ވަރަށް ހާއްސަ އެވެ.
އެއީ އުމުރުން 70 އަހަރުގެ ޝެން ސާން-ޔުއާން އެވެ. ޕޯކެމޮން އިން ފެންނަ އެކި ކެރެކްޓާތައް ހިފައި ހައްޔަރުކުރުމަށް ފޯނު ދިއްކޮށްގެން މަގުމަތީ އުޅޭ އެތައް ހާސް މީހުންގެ ތެރެއިން ޝެން ފާހަގަވަނީ ބައިސްކަލުގައި 24 ފޯނު ހަރުކޮށްގެން ނިކުމެ އުޅޭތީ އެވެ.
އޯގްމެންޓެޑް ރިއަލިޓީ މި ގޭމުގައި ހޯދަންޖެހޭ ކެރެކްޓާތައް ފެންނާނީ ފޯނު ދިމާކޮށްގެން އެކި ތަންތަން ބެލުމުންނެވެ. އެހެންވެ ގިނަ ފޯނު ގެންގުޅުނު ވަރަކަށް ގިނަ އެއްޗެހި، އަވަހަށް ހޯދޭނެ އެވެ.
އީއެފްއީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝެން 2016 ވަނަ އަހަރު ޕޯކެމޮން ގޯ ކުޅެން ފެށި ފަހުން މިހާތަނަށް ވަނީ 45 މިލިއަން ކްރިއޭޗާ ހިފައިފަ އެވެ.
ރަށު ތެރޭގައި އެކި ތަންތަނުގައި ޕޯކެމޮންގެ ކެރެކްޓާތައް ފިލައިގެން އުޅޭ ނަމަ އެ އެއްޗެހި ހިފޭނީ އެ ތަންތަނަށް ގޮސްގެންނެވެ. އެހެންވެ، މި ގޭމު ކުޅޭ ޒުވާނުންނާ އެކު ޝެން ވެސް ޓައިވާނުގެ ހުރިހާ ހިސާބަކަށް ވެސް ގޮސް އުޅެ އެވެ. އެހެންވެ އޭނާ މިހާރު މަޝްހޫރުވެފައި އޮންނަނޯ "އަންކަލް ޕޯކެމޮން" ގެ ގޮތުގަ އެވެ.
ޝެން ބުނި ގޮތުގައި އޭނާ އަށް މި ގޭމު ތައާރަފްކޮށްދިނީ އޭނާގެ ކާފަ ދަރިއެކެވެ.
"މިކަން ފެށުނީ އަހަރެންގެ ކާފަ ދަރިއެއް އަހަރެންގެ އުފަން ދުވަހުގެ ހަދިޔާއަކަށް ފޯނެއް ދީފައި ޕޯކެމޮން ކުޅެން ދަސްކޮށްދިން ހިސާބުން،" ޝެން އީއެފްއީ ނިއުސް އަށް ބުނެފައިވެ އެވެ.
ޝެން ބުނީ އޭނާ ގޭމު ކުޅެން މީގެ އެއް އަހަރު ކުރިން 11 ފޯނު ހޯދި ކަމަށެވެ. އަދި މަޑުމަޑުން ފޯނު އިތުރުކޮށް މިހާރު ބައިސްކަލްގައި 22 ފޯނު ހަރުކޮށްފައިވެ އެވެ. އަދި ދެ ޖީބުގައި ދެ ފޯނު އޮވެ އެވެ. އޭނާ ބުނީ މި ހުރިހާ ފޯނެއްގެ ބިލަށް މަހެއްގެ މައްޗަށް ހާހަކަށް ވުރެ ގިނައިން ހޭދަވާ ކަމަށާއި އެކަމަކު އެކަމާ ހާސް ނުވާ ކަމަށެވެ.
ޓައިވާންގައި މިހާރު ޕޯކެމޮން އަކީ ހަމައެކަނި، ކުޑަކުދިންނާއި ޒުވާނުންގެ ގޭމެއް ނޫނެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް މި މަޖާ ނަގަ އެވެ.