އެއް ވަނަ ދަމަހައްޓަން މާ އުނދަގޫވާނެ: ގާޑިއޯލާ
އެއް ވަނަ ދަމަހައްޓަން މާ އުނދަގޫވާނެ: ގާޑިއޯލާ

ލަންޑަން (މާޗް 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ އަލުން ލީގުގެ އެއް ވަނަ އަށް އެރި ނަމަވެސް ބާކީ ހަތް މެޗަށް ނުކުންނައިރު ސިޓީ އަށް އޮތީ ލީގުގެ އެއް ވަަނަ ދަމަހައްޓަން މާ އުނދަގޫ މަސައްކަތެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރޭގެ މޮޅާ އެކު ސިޓީ ލީގުގެ އެއް ވަަނަ އަށް ޖެހިލީ 31 މެޗުން 77 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 31 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. މިރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް އަލުން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ގައުމީ ޓީމުގެ ބްރޭކަށް ފަހު އަލުން އެންމެ ފުރަތަމަ ކުޅޭ މެޗު އަބަދުވެސް ވަރަށް އުނދަގޫވާނެ ކަމަށާއި ސިޓީން މި މެޗުގައި ނަތީޖާ ނެރުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މި ހިތްހަމަޖެހުމުގެ މަތީގައި އަހަރެމެންނަށް ދެމިހުންނަށް އުނދަގޫވާނެ. އެއީ ދެން އޮތް ހުރިހާ މެޗަކުން މޮޅުވެގެނެއް ނޫނީ ލީގު ނުލިބޭނެ. އެއީ ވާދަވެރިންނަށް އޮތީ ވަރަށް ވަރުގަދަ ޓީމެއް. އަހަރެމެންނަށް މީގެ ބުރަ މަސައްކަތް އޮތީ. އެއީ އެއްވެސް ލީގެއްގައި ވާދަވެރިކޮށްދާއިރު އެއް ވަނަ ދިފާއުކުރުމަކީ ފަސޭހަކަމަކަށް ނުވާނެތީ،"" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ލީގު ހޯދައިދިން ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ ބެނާޑޯ ސިލްވާ އާއި ސާޖިއޯ އަގުއޭރޯ އެވެ. ލީގުގެ ރަން ބޫޓު ރޭހުގެ ކުރީގައި އުޅޭ އަގުއޭރޯ ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ވަނީ ބަދަލުކޮށްފަ އެވެ. ގާޑިއޯލާ ބުނީ އަގުއޭރޯ ބަދަލުކުރީ ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ. އަދި ލިބުނީ ކިހާ ވަރެއްގެ އަނިޔާއެއްތޯ ބުނަން އެނގޭނީ ޓެސްޓްތަކަށް ފަހު ކަމަށެވެ.

ޔުނައިޓެޑާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ޓީމު ގޮވައިގެން ނުކުތް ފުރަތަމަ މެޗުން ވަނީ 2-1 އިން ވަޓްފޯޑް ބަލިކޮށްފަ އެވެ. މާކަސް ރެޝްފޯޑާއި އެންތަނީ މާޝިއަލް ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިން އިރު، ވަޓްފޯޑްގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ޑޮކޫރޭ އެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑް ވަނީ އަލުން ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. އެ ޓީމަށް 31 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ.

ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 ބަލިވި މެޗަށް ފަހު ހަޑްސްފީލްޑް ޓައުން ވަނީ ބާކީ ހަތް މެޗު ބާކީ އޮއްވައި ރެލިގޭޓްވެފަ އެވެ. ހަޑްސްފީލްޑް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ ޑޭވިޑް ވެގްނާގެ ކޯޗުކަމުގައި މީގެ ދެ އަހަރު ކުރިންނެވެ. މި ސީޒަނުގެ ވަކި ހިސާބަކުން އެ ޓީމުން ވަނީ ވެގްނާ ވަކިކޮށްފަ އެވެ.