30 މާޗް 2019 - 21:20

ވޮޝިންޓަން (މާޗް 30) - މެކްސިކޯއާ ގުޅިފައި އޮންނަ އެމެރިކާގެ ދެކުނުގެ ބޯޑަރު ބަންދުކުރައްވާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާން މަސައްކަތް ކުރާ މީހުން ނުހުއްޓުވައިފި ނަމަ މި ހަފުތާ އިން ފެށިގެން ބޯޑަރު ބަންދުކުރާނެ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހު ވެސް ޓްރަމްޕް ވަނީ މެކްސިކޯ ބޯޑަރުގައި ފާރު ރޭނުމަށް ބޭނުންވާ ފައިސާ ކޮންގްރެސް އިން ހަމަޖައްސައި ނުދީފި ނަމަ ބޯޑަރު ބަންދުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މެކްސިކޯގެ ފޮރިން މިނިސްޓަރު މާސެލޯ އެބްރާޑް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުން ދައްކާ ބިރުތަކާ ގުޅިގެން މެކްސިކޯ އިން ފިޔަވަޅު ނާޅާނެ ކަމަށެވެ.
ބޯޑަރު ބަންދުކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި މިވަނި ގަވާއިދާ ޚިލާފަށް އެމެރިކާ އަށް އެތެރެވާން އުޅޭ ރެފިއުޖީން ހުއްޓުވުމުގައި މެކްސިކޯ އިން ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް އެ ގައުމުގެ ރައީސް އަންދުރޭސް މަނުއެލް ލޮޕޭޒް އަބްރާޑޯ ވިދާޅުވެފައި ވަނިކޮށެވެ.
މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ރިޔާސީ ވައުދެކެވެ. ފާރު ރޭނުމަށް ބޭނުންވާ ފައިސާ ކޮންގްރެސް އިން ހަމަޖައްސައި ނުދިނުމުން އެމެރިކާ ސަރުކާރު 35 ދުވަހަށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެންމެ ފަހުން ޓްރަމްޕް މިހާރު ވަނީ ކޮންގްރެސް ބައިޕާސްކޮށް އިމަޖެންސީ އިއުލާންކޮށްގެން ފާރަށް ބޭނުންވާ ފައިސާ ހޯދަން ނިންމަވައިފަ އެވެ.