30 މާޗް 2019 - 21:23

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހާޒިރުވާން އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި، އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން އެޗްއާރުސީއެމަށް ހާޒިރުވާން މުނާޒަށް އެންގީ އަންނަ ހޯމަ ދުވަހަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމުން ވާހަކައެއް ނުދައްކަ އެވެ.
ޖަލުތައް ބަލަހައްޓަވާ އެންމެ އިސް އޮފިސަރު އެޗްއާރުސީއެމަށް ހާޒިރުވާން އެންގިއިރު، އެ ކޮމިޝަނުން އަންނަނީ ޖަލުތަކާ ގުޅޭ މައްސަލަތަކެއް ބަލަމުންނެވެ. އެގޮތުން މަޖިލީހުގެ މެމްބަރުންނާއެކު އެޗްއާރުސީއެމުން ވަނީ މިިދިޔަ ހަފުތާގައި މާލެ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ކަރެކްޝަންސްގެ އިހުމާލުން ޖަލުގައި ގިނަ ބަޔަކު މަރުވެފައިވާ ކަމުގެ ތުހުމަތުކުރެ އެވެ. އެ މައްސަލަތައް ބަލާކަމަށް އެޗްއާރުސީއެމުން ކުރިން ބުންޏަސް އިތުރު ފިޔަވަޅެއް އެޅިކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެޗްއާރުސީއެމްގެ މަސައްކަތްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުންޏެވެ.
ސަރުކާރުން ވަނީ ޖަލުގެ ހާލަތު ބެލުމަށް އޮޑިޓެއް ހަދައިފަ އެވެ. ޖަލުތަކުގެ ހާލަތު ރަނގަޅުކުރާނީ އެ އޮޑިޓަށް ރިއާޔަތްކުރުމަށްފަހު ކަމަށް ހޯމް މިނިސްޓްރީން ކުރިން ބުންޏެވެ.