30 މާޗް 2019 - 17:00

ޑާކާ (މާޗް 30) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަލިފާން ރޯވި އިމާރާތުގައި ގިނަ ބަޔަކު ތާށިވީ އިމަޖެންސީ ދޮރުތައް ތަޅުލާފައި ހުރުމުން ކަމަށް އޮފިޝަލުން ބުނެފި އެވެ.

އަލިފާނުގެ ހާދިސާގައި 25 މީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުންނަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދޭންޖެހިފަ އެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަދޮރުތަކުން ފުންމާލި ހަ މީހުން ވެސް ހިމެނެ އެވެ.
ޑާކާގެ ފަޔާ ޑިޕާޓްމަންޓުގެ ޝާޖާހާން ޝިކްދާރު ވިދާޅުވީ އަލިފާން ރޯވި އިމާރާތުގައި އަލިފާން ނިއްވާނެ އެކަށީގެންވާ އިންތިޒާމެއް ވެސް ނެތް ކަމަށެވެ. ބަބާނީ ޓަވަރުގައި އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ.
އަލިފާން ރޯވީ އިމާރާތުގެ އަށެއް، ނުވައެއް އަދި 10 ވަނަ ބުރީގަ އެވެ. މީހުން ތާށިވީ އެއަށް ވުރެ މަތީ ފްލޯތަކުގަ އެވެ.
"އަލިފާނުން ރައްކާތެރިވާނެ އިންތިޒާމެއް އެ އިމާރާތުގައި ނެތް. ހުރީ ހަމައެކަނި ދެ ފޫޓް ފުޅާ ދަގަނޑު ސިޑިއެއް. ގިނަ ފްލޯތަކުން އެ ސިޑިއަށް ނުކުމެވެން ހުރި ދޮރުތައް ވަނީ ތަޅުލާފައި. އެހެންވެ އިމާރާތުން މީހުން ސަލާމަތްވާނެ ގޮތެއް ނެތް،" ޝިކްދާރު ވިދާޅުވި އެވެ.
އަަލިފާން ނިއްވާލުމަށް ވަނީ 22 އަށް ވުރެ ގިނަ އަލިފާން ނިއްވާ ޔުނިޓުތަކުން ހަރަކާތްތެރިވެފަ އެވެ. އަސްކަރީ ހެލިކޮޕްޓަރުތަކުން ވަނީ އަލިފާން ނިއްވާލަން ފެންޖަހައިފަ އެވެ.
ބަންގްލަދޭޝްގެ ހައުސިން އޮފިޝަލުން ބުނީ ޑާކާގެ ބަނާނީ އޭރިއާގައި ހުރި އިމާރާތުގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ވެރި ފަރާތާ ދެކޮޅަށް ޖިނާއީ ދައުވާ ކުރާނެ ކަމަށެވެ. ހައުސިން މިނިސްޓަރު އެސްއެމް ރިޒައުލް ކަރީމް ވިދާޅުވީ އިމާރާތަށް ހުއްދަ ދިނުމުގައި އެ މިނިސްޓްރީގެ އޮފިޝަލަކު ގޯހުން ކަމެއް ކޮށްފައިވާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ފުލުހުން ބުނީ ތަހުގީގުގައި އިމާރާތުގެ ވެރި ފަރާތާ ސުވާލު ކުރާނެ ކަމަށެވެ.
ޑާކާގެ އިމާރާތެއްގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 70 މީހުން މަރުވެ 50 އަށް ގިނަ މީހުން ޒަޚަމްވެފަ އެވެ.