ގަތަރު އެއާވޭސްގެ މިއަހަރުގެ ޓްރެވަލް ފެސްޓިވަލް ފަށައިފި
ގަތަރު އެއާވޭސްގެ މިއަހަރުގެ ޓްރެވަލް ފެސްޓިވަލް ފަށައިފި

ހެޔޮ އަގުތަކުގައި ދަތުރު ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް، ގަތަރު އެއާވޭސް އިން ދޭ މި އަހަރުގެ ޓްރެވަލް ފެސްޓިވަލް ފަށައިފި އެވެ.

މިދިޔަ އަހަރު ވެސް ގަތަރު އެއާވޭސް އިން ކާމިޔަބުކަމާއެކު ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި، މި އަހަރު ވެސް އެ އެއާލައިނުން ދަތުރު ކުރާ ގިނަ މަންޒިލްތަކުގެ ޓިކެޓު ވަނީ ވަރަށް އަގު ހެޔޮކޮށްފަ އެވެ.

މި އަހަރުގެ ހާއްސަ އަގުތަކުގައި ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށެވެ. އަދި މި ޓިކެޓުތަކުގައި އަންނަ މަހުގެ އެކަކުން ފެށިގެން އަންނަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް ދަތުރު ކުރެވޭނެ އެވެ. މީގެ އިތުރުން މިދިޔަ އަހަރެކޭ އެއްގޮތަށް، ގަތަރު އެއާވޭސް ފެސްޓިވަލް ކުރިއަށް ގެންދާ މުއްދަތުގައި ފަސިންޖަރުންނަށް ހާއްސަ ހަދިޔާތަކެއް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ގަތަރު އެއާވޭސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ މީހުންނަށް 600 އަށް ވުރެ ގިނަ ހާއްސަ ހަދިޔާތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ހޮލިޑޭ ޕެކޭޖުތަކާއި ހޮޓާތަކުގައި ތިބުމާއި އެކި ގައުމުތަކަށް ހިލޭ ޓިކެޓު ވެސް ހިމެނޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ގަތަރު އެއާވޭސްގެ ޕްރިމިއަމް ކްލަބް މެމްބަރުންނަށް މިހާރު ލިބޭ ވަރަށް ވުރެ ތިން ގުނަ އިތުރު ކިއުމައިލް ޕޮއިންޓު ލިބޭނެ އެވެ.

މި ފެސްޓިވަލްގެ ދަށުން ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ އަގުތައް ހުޅުވާލާފައި ވަނީ އެކެއް، ދެމީހުން އަދި ތިން މީހުންގެ ގްރޫޕްތަކަށެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވެ އެވެ.

ފެސްޓިވަލްގެ ދަށުން ދަތުރު ކުރެވޭ މަންޒިލްތަކުގެ ތެރޭގައި ބާސެލޯނާ، ބާލިން، ކޯޕަންހޭގަން، ފްރޭންކްފްރުޓް، ލަންޑަން، ނިއު ޔޯކް، މިލާން އަދި ޕެރިސް ފަދަ ތަންތަން ހިމެނެ އެވެ.

މީގެ އިތުރުން ގަތަރު އެއާވޭސްގެ ވެބްސައިޓު މެދުވެރިކޮށް ކާރު ކުއްޔަށް ނެގުމާއި ހޮޓާ ބުކް ކުރުމުން ޑިސްކައުންޓާއި ޕްރިމިއާ މެމްބަރުންނަށް އިތުރު ކިއުމައިލް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ.