31 މާޗް 2019 - 07:35

އެޕަލް އެއާޕަވާ ޕްރޮޖެކްޓް ހުއްޓާލައިފި އެވެ. އެއާޕަވާ ޕްރޮޖެކްޓަކީ، އައިފޯން، އެޕަލް ގަޑި އަދި އެއާޕޮޑް އެކުއެކީގައި ވަޔަލެސްކޮށް ޗާޖްކުރުމަށް އުފައްދަން މަސައްކަތްކުރި ކުނަލެކެވެ. އެޕަލް "އެއާޕަވާ ވަޔަލެސް ޗާޖިން ޕެޑް" އެންމެ ބޮޑަށް ސިފަކުރަނީ، ކުރެހުންތަކުން ފެންނަ ގޮތުގައި، ބަދިގޭގައި ތަރުކާރީ ކޮށަން ގެންގުޅޭ ފިލާގަނޑު ނުވަތަ "ކަޓިން ބޯޑް"އާ އެވެ.
އެއާޕަވާ ޕްރޮޖެކްޓް ހުއްޓާލަން ޖެހުނު އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ، އެޕަލް ބޭނުންވާ ގޮތަށް އުފެއްދެން ނެތުމެވެ. އެ މީހުންގެ ޚިޔާލުގައި އެ ތަނަވަސްކަން ހުރި ނަމަވެސް، ޒަމާނީ އިންޖިނޭރިންތައި އެ ފެންވަރު އަދި ނެތުމެވެ.
ޗާޖިން ޕެޑް އުފައްދަން އެޕަލް މަސައްކަތްކޮށްފައި ވަނީ، އިންޖިނޭރުން ބުނާ ގޮތުގައި، ތިން ކޮއިލް ހިމަނައިގެންނެވެ. އެއީ އައިފޯނަށް ކޮއިލްއެއް، ގަޑި އަށް އަދި އެއާޕޮޑް އަށް، ކޮންމެ ޑިވައިސްއަކަށް ވަކި ކޮއިލްއެއް ހިމަނައިގެންނެވެ. އެހެން ނަމަވެސް، ގާތްގާތުގައި ތިން ކޮއިލް ހިމަނަން ހަދައިގެން، އެކަށީގެންނުވާ ވަރަށް ހޫނުގަދަވާ މައްސަލަ އަށް ހައްލެއް އަދި ހޯދެން ނެތުމުން، ޕްރޮޖެކްޓް ކެންސަލްކުރީ އެވެ.
އެޕަލްއިން ބުނި ގޮތުގައި، އެ މީހުންގެ ޑިވައިސްތަކާ އެކަށީގެންވާ ފެންވަރަށް ވަޔަލެސް ޗާޖަރެއް އަދި އުފެއްދޭކަށް ނެތެވެ. އެހެންވެ، ބޭނުންކުރަ ތިބި މީހުން ކުރާ އިންތިޒާރު މާ ބޮޑަށް ދިގުދެމިގެންދާތީ، މަސައްކަތްތައް ހުއްޓާލީ އެވެ.
އެޕަލްގެ ޑިވައިސްތައް ބޭނުންކުރާ މީހުން މިހާރު ވެސް ވަޔަލެސް ޗާޖިން ބޭނުންކުރެ އެވެ. އެއީ އެހެން ކުންފުނިތަކުން އުފައްދާފައި ހުރި ޗާޖަރުތަކެވެ. އެހެންކަމުން، އެޕަލް އަށް ވެސް ވަޔަލެސް ޗާޖަރެއް އުފައްދަން މަޖުބޫރުވާނެ ކަމަށް ބެލެވެ އެވެ. އެޕަލްގެ ވިސްނުން ބަދަލުކޮށް، ކޮންމެ ޑިވައިސްއަކަށް ވަކި ޗާޖަރެއް އުފެއްދުމަކީ ވެސް ކޮށްފާނެ ކަމެކެވެ.