31 މާޗް 2019 - 07:34

ބޮލުން އިސްތަށި ފޭބުމަށް، ފޭރު ފަތުން ހައްލު ލިބޭ ކަމަށް ބުނާ ވާހަކަތަކެއް އިންޓަނެޓުގައި ވަރަށް ބޮޑަށް ދައުރުވެފައިވެ އެވެ. މިއީ ކިހާވަރެއްގެ ހަގީގަތެއް ހެއްޔެވެ.
އިސްތަށި ފައިބައި ނަމަ ފޭރު ފަތަކީ ޖާދޫއެއް ކަމަަށް ބުނާ ވާހަކަތަކުގައި ހުރީ އޭގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވާނެ ކަމަށާއި އަވަހަށް އިސްތަށި ފަޅާނެ ކަމަށެވެ. އެކަމަކު ހަގީގަތަކީ ސީދާ ފޭރު ފަތުން ލިބޭ ފައިދާ އަށް ވުރެ ބޮޑަށް މި ފަރުވާގައި އެހެން ކަންތައްތަކެއް އެކުލެވިފައި ވުމެވެ.
ފޭރު ފަތުގައި، ތަދު ކަނޑުވައިދޭ މާއްދާއެއް ހުރެ އެވެ. އަދި އެންޓި ފްލެމޭޓަރީ މާއްދާ އާއި މައިކްރޮއޮގަނިޒަމް މަރާލައި މާއްދާއަކާއި ވިހަ މާއްދާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ވެސް ހިމެނެ އެވެ. މި ހުރިހާ މާއްދާތަކެއްގެ އަސަރު ކުރުމުން ބޮލުގެ ހަންގަނޑު ސާފުވެ ސިއްހަތު ރަނގަޅުކޮށް ހުރުމަށް އެހީވެދެ އެވެ. ނަތީޖާ އަކީ ބޮލުން ހަން ފޮޅުން ފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކުރެ އެވެ.
ފޭރު ފަތުގައި ވިޓަމިން ބީ އާއި ވިޓަމިން ސީ ވެސް ހުރެ އެވެ. މިއީ އިސްތަށި ފެޅުމާއި ހެދި ބޮޑުވުމާ ގުޅުން ހުރި ވިޓަމިންތަކެވެ.
ސިއްހަތު ރަނގަޅު ރީތި ފޭރުފަތްކޮޅެއް ހޯދާލާފައި ރީއްޗަށް ދޮލެވާލާށެވެ. ދެން ލިޓަރެއްހާ ފެން ހޫނު ކުރަން އުނދާފައި ބޮކި އަރަން ފެށިމާ އޭތެރެއަށް ފޭރުފަތް އަޅާލާފައި ވިއްސަކަށް މިނިޓް ވަންދެން ކައްކައިލާށެވެ.
ފެން ހިހޫވުމުން، ފަތްތައް ނުލައި، ފެން ފޮދު ފުރާނާލައިގެން ނަގާށެވެ.
މި ބޭނުންކުރާނީ ޝޭމްޕޫ އާއި ކަންޑިޝަނާއިން ބޯ ދޮވުމަށް ފަހު އެވެ. މިގޮތަށް ދޮވެފައި، ފޭރު ފަތުގެ ތާސީރު އެކުލެވޭ ފެން ބޮލަށް އަޅައި، ބޮލުގެ ހަންގަނޑު މަސާޖުކުރަމުން މުޅި ބޯ ތެންމާލާށެވެ. މިހެން ހެދުމަށް ފަހު ދެ ގަޑިއެއްހާއިރު ބަހައްޓާށެވެ.
ނިދަން އޮށޯންނައިރު ފޭރު ފަތުގެ ފެން ބޮލުގައި އުނގުޅުމަށް ފަހު އަނެއް ދުވަސް ވަންދެން ބެހެއްޓިދާނެ އެވެ.
ހަފުތާ އަކު ދެތިން ފަހަރަކު މިހެން ހަދާށެވެ.