ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭން ނިންމައިފި
ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ހަ މަހުގެ ޗުއްޓީ ދޭން ނިންމައިފި

ކަސްޓަމްސްގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދުގެ ކުރިން އޮންނަ ގޮތުން މުވައްޒަފުން ވިހެއުމުން ދެނީ މުސާރައާ އެކު ދެ މަސް ދުވަހުގެ ޗުއްޓީ އެކެވެ. އަދި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދެނީ ތިން ދުވަހުގެ ޗުއްޓީ އެކެވެ.

ކަސްޓަމްސްގެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން މުވައްޒަފަކު ބަލިވެ އިންނަތާ 27 ހަފުތާ ފަހުން ވިހައިފި ނަމަ، ބަންދު ދުވަސްތައް ހިމަނައިގެން ހަ މަހުގެ ޗުއްޓީއެއް މުސާރަ ލިބޭ ގޮތަށް ލިބޭނެ އެވެ. އަދި ވިހާއިރު، ދަރިފުޅު މަރުވެފައިވާ ނަމަ، މުސާރަ ލިބޭ ގޮތަށް 60 ދުވަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން، އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ވެސް އެއް މަހުގެ ޗުއްޓީ ދޭ ކަމަށް އިސްލާހުގައިވެ އެވެ. އެކަމަކު ފިރިހެން މުވައްޒަފުންނަށް އެ ޗުއްޓީ ދޭނީ އަނބިމީހާ ވިހާ ދުވަހުން ފެށިގެން ފުރަތަމަ ތިން ދުވަހުގެ ޗުއްޓީއެއް ދިނުމަށް ފަހު، ބާކީ އޮންނަ 27 ދުވަހުގެ ޗުއްޓީ ދަރިފުޅަށް ހަތް މަސް ފުރުމުގެ ކުރިން ދޭ ގޮތަށެވެ.

ސަރުކާރު މުވައްޒަފުންނަށް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން ނިންމުމާ އެކު، ސަރުކާރުގެ ގިނަ މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ވަނީ އެގޮތަށް ޗުއްޓީ ދޭން ހަމަޖައްސައިފަ އެވެ.

ސަރުކާރުން ވެސް ހަމަޖައްސާފައިވަނީ ވިހެއުމުން ހަ މަހުގެ ޗުއްޓީއެއް ދިނުމަށާއި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދޭ ޗުއްޓީ އެއް މަހަށް އިތުރު ކުރުމަށެވެ.