30 އޯގަސްޓް 2016 - 12:14

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމު "އޭ ދިލް ހެ މުޝްކިލް"ގެ ފުރަތަމަ ޓީޒާ މިއަދު ހެނދުނު ނެރެފި އެވެ. އެއާ އެކު ގިނަ ބަޔެއްގެ ތައުރީފު އެ ފިލްމަށާއި ފިލްމުގެ ތަރިންނަށް ދަނީ އޮހެމުންނެވެ.

ފިލްމުގެ ޓައިޓަލް ލަވަ ހިމެނޭ މި އިޝްތިހާރުގައި ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ އަދި އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާންގެ އާދަޔާޚިލާފު މޮޅު މަންޒަރުތަކެއް ފެނިގެން ގޮސްފައިވެ އެވެ.
ފުރަތަމަ އިޝްތިހާރުން ލަފާކުރެވެނީ "އޭ ދިލް ހެ މުޝްކިލް" އަކީ އެކަކު އަނެކަކު ދެކެ ވާ ލޯތްބެއްގެ ބަދަލުގައި ހަމައެކަނި މީހަކު އެހެން މީހަކު ދެކެ ވާ ލޯތްބެއް ފެނިގެން ދާނެ ފިލްމެއް ކަމަށެވެ.
މި ފިލްމަކީ ރަހުމަތްތެރިކަމާއި ހިތްހަލާކުވުން އަދި އަމިއްލައަށް މީހަކު ދެކެ ލޯބިވެގެން އުޅުން ފަދަ ހާދިސާތަކެއް ފެނިގެން ދާނެ ފިލްމެކެވެ.
ފިލްމުގެ އިޝްތިހާރު ބަލާފައި ތައުރީފުކުރަނީ ހަމައެކަނި ފިލްމުގައި ބައިވެރިވާ ތަރިންގެ ފޭނުންނެއް ނޫނެވެ. އާލިއާ ބަޓް، ސިދާރްތު މަލްހޯތުރާ، ސޯނަމް ކަޕޫރު، އަކްޝޭ ކުމާރު، ރަންވީރު ސިންގް، ޖެކްލީން ފެނާންޑިސް ފަދަ ވަރަށް ގިނަ އެކްޓަރުން ވަނީ ރަންބީރު، އައިޝްވަރިޔާ އަދި އަނުޝްކާ އާއި ފަވާދަށް ތައުރީފުކޮށްފަ އެވެ. އަދި ކަރަން ޖޯހަރްގެ ޑައިރެކްޝަންގެ މޮޅުކަން ވެސް މި ތަރިން ވަނީ ފާހަގަ ކޮށްފަ އެވެ.
ރަންބީރާއި އަނުޝްކާ އެކުގައި ކުޅެފައިވާ މަންޒަރުތައް ވަރަށް ޝައުގުވެރިވެފައި ބަލާހިތް ވިޔަސް ހަގީގީ ޖާދޫ ދައްކާލާފައި ވަނީ ރަންބީރާއި އައިޝްވަރިޔާގެ ކެމިސްޓްރީންނެވެ.
މީގެ ކުރިން ވެސް ބަތަލުން އެމީހުންނަށް ވުރެ ދުވަސްވީ ބަތަލާއިންނާ އެކު ފިލްމު ކުޅެފައިވެ އެވެ. ނަމަވެސް ރަންބީރާއި އައިޝްވަރިޔާގެ ހުރި ކަހަލަ ކެމިސްޓްރީއެއް ދެއްކިފައި ވަނީ މަދު ފަހަރަކު އެވެ.
މި އިޝްތިހާރުގައި ފަވާދު ފެންނަނީ ދެ ތިން ތަންކޮޅަކުން ނަމަވެސް ފިލްމުގައި އޭނާގެ ރޯލު ވަރަށް މުހިއްމުވެފައި މޮޅުވާނެކަން މި ކުޑަ ވަގުތުކޮޅު ތެރޭގައި ވެސް އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގެ ޓައިޓްލް ޓްރެކް އަރިޖީތު ސިންގް ކިޔައިދީފައިވާލެއް ވަރަށް އަސަރު ގަދަ އެވެ.
މި ފިލްމުގައި ޝާހްރުކް ޚާން މެހެމާނެއްގެ ރޯލު އަދާކުރާ ކަމަށް ވެސް އިންޑިއާ ނޫސްތަކުން ބުނެފައި ވެއެވެ. ނަމަވެސް ފުރަތަމަ އިޝްތިހާރުން ޝާހްރުކް ނުފެނެ އެވެ.