29 މާޗް 2019 - 16:54

ރާއްޖޭގއި މި އަހަރު 'އާތު އަވާ' ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ހިންގަން ހަމަޖައްސައިފި އެވެ.
'އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމް' ން ނެރުނު ބަޔާނެއްގައި ވަނީ އާތު އަވާ މޯލްޑިވްސް އާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރްމަންޓް މިނިސްޓްރީ ގުޅިގެން މާދަމާ ހަވީރު މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވާނެ ކަމަށެވެ. އެ ހިނގާލުމުގައި، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިިންނާއި ސަރުކާރުގެ އެކި އޮފީސްތަކާއި ޖަމްއިއްޔާތަކާއި މުއައްސަސާތަކުން ބައިވެރިވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
މާލޭގައި އެ ހިނގާލުން އޮންނާނީ ރަސްފަންނުން ފެށިގެން މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދާ ހިސާބަށެވެ. އަދި އެ ހަރަކާތުގެ ތައްޔާރީތައް މިއަދު ހަވީރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ހިނގަމުންދާނެ ކަމަށް އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން ބުންޏެވެ.
މީގެ އިތުރުން، ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރަން ހިންގާ ކެމްޕެއިނެއްގެ ގޮތުން މޯލްޑިވްސް ވިމެންސް އެސޯސިއޭޝަނާއި އާތު އަވާ މޯލްޑިވްސް ގުޅިގެން، ބޭނުން ނުކުރާ ފޮތި އަދި އަންނައުނު ބޭނުންކޮށްގެން ކޮތަޅު ހަދަން ދަސްކޮށް ދިނުމުގެ ހަރަކާތެއް މިއަދު ހަވީރު ސަލްޓަންޕާކްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
މިއަހަރުގެ އާތު އަވާގެ ތީމާއި ލޯގޯ ޓީޝާޓުގައި ޕްރިންޓްކޮށް ދިނުމާއި ވިއްކުމުގެ ހަރަކާތެއް ވެސް މިއަދު ހަވީރު ސަލްޓަންޕާކާއި ހިތްތަން މައިޒާނުގައި ކުރިއަށް ގެންދާނެ އެވެ.
އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން ބުނިގޮތުގައި، އާތު އަވާ ފާހަގަ ކުރުމަށްޓަކައި އެހެން އަހަރުތަކުގައި ވެސް ކުރިއަށް ގެންދާ ބޮކިތައް ނިއްވައިލުން އޮންނާނީ މާދަމާ ރޭ 8:30 ން 9:30 އަށެވެ. އެ ހަރަކާތުގެ މައި އިވެންޓް މާދަމާ ރޭ ހދ. ކުޅުދުއްފުށީގައި ކުރިއަށް ގެންދާއިރު، މާލޭގެ ޓްރެކް ސަރަހައްދުގައި ވެސް އެފަދަ އިވެންޓް ބާއްވަން ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެ ބުންޏެވެ. އެހެންވެ، އެ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވާން އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން އެދެ އެވެ.
ބޮކިތައް ނިއްވައިލުމުގެ ހަރަކާތް ކުރިއަށް ގެންދާއިރު އާތު އަވާ މޯލްޑިވްސްއާ ހިއްސާކުރާ އެންމެ ތަފާތު އަދި ހިތްގައިމު ފޮޓޯތައް އާތު އަވާގެ ގްލޯބަލްގެ ރަސްމީ ޕޭޖްތަކުން ޝެއާ ކުރަން ފޮނުވަމުންދާނެ ކަމަށް އާތު އަވާ މޯލްޑިވްސް ކަންޓްރީ ޓީމުން ބުންޏެވެ.