ޚާޝުގްޖީގެ ޝަރީއަތް ހުޅުވާލައިގެން ބާއްވަން ގޮވާލައިފި
ޚާޝުގްޖީގެ ޝަރީއަތް ހުޅުވާލައިގެން ބާއްވަން ގޮވާލައިފި

ޖެނީވާ (މާޗް 29) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ޝަރީއަތް ބާއްވަން ޖެހޭނީ ހުޅުވާލައިގެން ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ތަޖްރިބާކާރަކު ވިދާޅުވެއްޖެ އެވެ.

ގޮތްނޭނގޭ މަރުތަބާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ އަގްނީސް ކަލަމާޑް ވިދާޅުވީ ޚާޝުގްޖީ މަރާލުމަކީ ސައުދީ އަރަބިއާގެ ދާޚިލީ މައްސަލައެއް ނޫން ކަމަށެވެ. ޚާޝުގްޖީގެ މަރުގެ ތަހުގީގު ހިންގާ އދ.ގެ ކޮމިޓީގެ އިސް މެންބަރަކީ ވެސް ކަލަމާޑެވެ. އެކަމާނާ ކުރިން ވިދާޅުވެފައި ވަނީ ޚާޝުގްޖީ މަރާލީ ދުރާލައި ރާވައިގެން ކަމަށެވެ.

ޚާޝުގްޖީގެ މަރާ ގުޅޭ ގޮތުން ސައުދީން ހިންގާ ތަހުގީގުގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ނިންމައިފަ އެވެ. ސައުދީން ޝަރީއަތް ހިންގާ އިރު ކަލަމާޑް ވަނީ އެ ޝަރީއަތް ހުޅުވާލައިގެން ބޭއްވުމާއި ބައިނަލްއަގުވާމީ މޮނިޓަރުން ޝަރީއަތުގައި ބައިވެރި ކުރުމަށް އެދިވަޑައިގެންފަ އެވެ.

ސައުދީ އަރަބިއާ އިން ކުރިން ވަނީ އެ ގައުމުގެ ޝަރުއީ ނިޒާމާ ބޭރުގެ ފަރާތްތަކުން ނުބެހުމަށް އެދިފަ އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ.