28 މާޗް 2019 - 16:46

ގަލޮޅު ދަނޑުގެ ދެކުނު ފަރާތުގެ ސިޑިބަރި (ސަހަރާ ފަޅި) ބޭނުންކުރުން ސަލާމަތީ ގޮތުން އެކަށީގެންނުވާތީ އެތަން ބޭނުންކުރުން މަނާކޮށް އަދި އެތަނުގައި ދަށުގައި ހަދާފައިވާ އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތަކާއި އޮފީސްތައް ހުސްކުރަން ސްޕޯޓްސް މިނިސްޓްރީން އަންގައިފި އެވެ.
އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، ދެ ބުރިއަކަށް ވާގޮތަށް 1980ގެ އަހަރުތަކުގެ ފަހުކޮޅު ހެދި އެ ސިޑިބަރީ، ބޭނުންކުރަން އެކަށީގެންވާ ނުވާ ކަމަށް ނިންމީ ޕްލޭނިން މިނިސްޓްރީން ކަމަށާއި އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާތީ ވަގުތުން ވަގުތަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ގަލޮޅު ދަނޑަށް ކުޅިބަލަން މިހާރު މާގިނަ ބަޔަކު ނުވަންނާތީ އެ ސިޑި ބަރި ބޭނުންކުރުން ހުއްޓާލި ނަމަވެސް ފަރަގެއް ނާންނާނެ އެވެ. އެކަމަކު އެ ސިޑިބަރީގައި ދަށުގައި، އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތައް ހުރެ އެވެ. އަދި ހޭންޑްބޯޅަ އެސޯސިއޭޝަނާއި ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ވެސް ހުންނަނީ އެތަނުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އެކޮމަޑޭޝަން ބްލޮކުން ބަޔެއް ހުސްކުރުމުން ކްލަބްތަކަށް ކުރިމަތިވާ ޖާގައިގެ މައްސަލަތައް ފުޓްބޯޅަ ސީޒަން ފެށެންވާއިރަށް ހައްލުކޮށްދެއްވާނެ ކަމަށާއި ރަށްރަށުން އަންނަ ޓީމުތަކަށް ވެސް ދަތިނުވާނެ ގޮތަށް މިވަގުތަށް މެނޭޖްކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދަނޑުގެ ސިޑިބަރި ބަންދުކުރަން ޖެހުމަކީ، އެތަން ޒަމާނީކުރަން ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލާނެ ކަމަށާއި އެގޮތުން އެކަމަށް ޕްލޭންތަކެއް ހަދައި އަމަލީ ސިފަ ގެންނަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ ސަރުކާރުގެ ބަޖެޓުގައި މިވަގުތު ހިމެނޭ ކަމަކަށްނުވާތީ މަސައްކަތްކުރައްވާނީ އެފްއޭއެމްއާ ގުޅިގެން ފީފާގެ އެހީން އެފަދަ ކަމެއް ކުރެވޭތޯ ކަމަށް ވެސް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ނެޗުރަލް ގްރާސް ޕިޗަކީ ދުނިޔޭގެ ފެންވަރުން ވެސް ހާއްސަ ޕިޗަކަށް ވުމާ އެކު ދަނޑުގެ ސިޑިބަރިތިތައް ޒަމާނީ ކުރެވި ވަސީލަތްތައް ގާއިމްކުރެވިއްޖެ ނަމަ، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމަކީ އާއްމުން އަނެއްކާ ވެސް ދާހިތްވާ ފަދަ ތަނަކަށް ހެދިދާނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.
ކުރިން އެތުލެޓިކްސް އާއި ކްރިކެޓަށް ވެސް ގަލޮޅު ދަނޑު ބޭނުންކުރި ނަމަވެސް ދެހާހުގެ އަހަރުތަކުން ފެށިގެން ދަނޑު މުޅިން ވެސް ބޭނުންކުރަނީ ފުޓްބޯޅަ އަށެވެ. އެކަމަކު މިނިވަން ދުވަހުގެ ހަރަކާތްތައް ބޭއްވުމަށާއި ބައެއް މިއުޒިކް ޝޯ ތަކަށް އަދިވެސް ދަނޑު ދޫކުރެ އެވެ.
ދަނޑުގެ އެންމެ ބޮޑު ސިޑިބަރި ބޭނުންކުރަން ހުއްޓާލަން މިޖެހުނީ ދާދި ފަހުން ގެނައި ބަދަލަކާ އެކު އެތަން ވެސް ހިމަނައިގެން ހުރިހާ ސިޑިބަރިއެއްގައި ގޮނޑި ޖަހައިފައިވަނިކޮށެވެ.
ސަހާރާ ފަޅީގެ ސިޑިބަރި އަކީ ޒަމާނުއްސުރެ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ސަޕޯޓަރުން ތިބޭ ތަނެވެ. ގަލޮޅު އަވަށުގެ ތެރެއިން ގޮސް ވިކްޓްރީ ސަޕޯޓަރުން ދިދަ ފަތި ދަމައިގެން ތިބެނީ އެ ތަނުގަ އެވެ. ނިއުގެ ސަޕޯޓަރުން ތިބެނީ ހެންވޭރާ ދިމާލަށް ހުންނަ، މަޖީދީމަގާވީ ފަޅީގެ ސިޑިބަރީގަ އެވެ. ފަހުން އެ ސިޑިބަރީގެ ހުޅަނގުކޮޅުގައި ހުއްރިއްޔާގެ ސަޕޯޓަރުން ތިބެ އެވެ. ވެލެންސިއާގެ ސަޕޯޓަރުންނަށް ހާއްސައީ އިރު އުތުރު ސިޑިބަރި އެވެ.