29 މާޗް 2019 - 08:07

ޓިއުލިޕް މަލޭ ބުނެފި ނަމަ އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނީ ނެދަލެންޑްސް އެވެ. އެ ގައުމަކީ ޓިއުލިޕްގެ އެކި ކުލަކުލައިގެ މާތަކުގެ ބޮޑެތި ދަނޑުތަކުން ޖަރީވެފައި އޮންނަ ގައުމެކެވެ. ވަކިން ހާއްސަކޮށް ނެދަލެންޑްގެ ނޯތު ސީ ކޯސްޓެވެ.

ޓިއުލިޕް މަލުން ނެދަލެންޑަށް ލިބިފައިވާ ކުލަގަދަކަމާ އެކު އެ ގައުމަކީ ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ގައުމެކެވެ. ކޮންމެ އަހަރަކު ވެސް ޓިއުލިޕް މަލުގެ ބިޔަ ބަގީޗާ ދަނޑުތައް ބަަލައިލަން އެތައް ހާސް މީހުން އެ ގައުމަށް ޒިޔާރަތް ކުރެ އެވެ. އެކަމަކު ޓޫރިސްޓުން ޓިއުލިޕް ދަނޑުތަކަށް ނުވަންނަން މިހާރު ވަނީ އެދިފަ އެވެ.

މިގޮތަށް އިލްތިމާސްކުރަން ޖެހުނީ ދަނޑުތަކަށް ވަނުމުން ގެއްލުން ލިބޭތީ އެވެ. އެގޮތުން ދަނޑުތަކުގެ ތެރެއަށް ވަދެ، ހިނގުމުން މާތަކަށް ގެއްލުންވުމުގެ އިތުރަށް ގަހަށް ވެސް ގެއްލުންވާ ކަމަށް ބުންޏެވެ.
މީގެ ސަބަބުން ލިބޭ މާލީ ގެއްލުން ވެސް ބޮޑެވެ. ނެދަލެންޑުން ބުނީ ބައެއް ޓޫރިސްޓުން ދަނޑިތަކުގެ ތެރެއަށް ވަދެ، މާތަކާ މާ ބޮޑަށް ގައިގޯޅިކޮށް އުޅުމުން މާތައް ހަލާކުވެ، އެ މާތައް ވިއްކަން ވެސް އުނދަގޫވާ ކަމަށެވެ.
މިކަމަށް ބާރު އެޅުމުގެ ގޮތުން ދަނޑުތަކުގެ ކައިރީގައި މިހާރު ވަނީ އެކި ކަހަލަ މެސެޖްތައް ލިޔެފައިވާ ބޯޑުތައް ވެސް ބަހައްޓައިފަ އެވެ. އޭގެ ތެރޭގައި "އެންޖޯއި ދަ ފްލާވާޒް، ރެސްޕެކްޓް އަވާ ޕްރައިޑް" އަދި "ޕްލީޒް ޑޫ ނޮޓް އެންޓާ ދަ ފްލާވާ ފީލްޑްސް" ފަދަ އިބާރާތްތައް ލިޔެފައިވާ ބޯޑްތައް ހިމެނެ އެވެ.
ޓިއުލިޕް ދަނޑުތަކެއް އޮންނަ ސައިމަންސް ޕެނިންގްސް ބުނި ގޮތުގައި ދަނޑުތައް ބަލައިލަން އަންނަ މީހުންގެ ހިދުމަތުގައި ބަޔަކު ބޭތިއްބުމަކީ މިހާރު ކުރަން ޖެހިފައިވާ ކަމެކެވެ.
"އެ ނޫން ގޮތަކަށް މިހާރު މިކަން މެނޭޖް ކުރަން އުނދަގޫ ވާނެ. ޓޫރިސްޓުން އުޅޭނޫޅޭ ގޮތް ބަލަން ތިބެގެން ނޫނީ އަހަރެމެން މި ކުރާ މަސައްކަތުން ލިބެންވާ ހަގީގީ ހިތްހަމަޖެހުން ވެސް ނުލިބޭނެ." އޭނާ ބުންޏެވެ.
ނެދަލެންޑަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ކޮންމެ އަހަރަކު ބެސް އެތައް ޓަނެއްގެ މާ ބޭރުކުރާ ގައުމެކެވެ. އަދި އެ މަސައްކަތުން ގިނަ ބަޔަކަށް ބޮޑު އާމްދަނީއެއް ވެސް ލިބެ އެވެ.