ޔުނައިޓެޑުގެ ދާއިމީ ކޯޗުކަން ސޯލްޝެއާ އަށް ދީފި
ޔުނައިޓެޑުގެ ދާއިމީ ކޯޗުކަން ސޯލްޝެއާ އަށް ދީފި

މެންޗެސްޓާ (މާޗް 28) - މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހުރި ނޯވޭގެ އޮލެ ގުނަ ސޯލްޝެއާގެ އެއްބަސްވުން ދާއިމީކޮށް އިތުރު ތިން އަހަރަށް އޭނާ ބަހައްޓަން އެ ކްލަބުން ނިންމައިފި އެވެ.

އުމުރުން 46 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑާ ހަވާލުވީ މިދިޔަ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކުރުމުންނެވެ. ސޯލްޝެއާ ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މިހާތަނަށް އެ ޓީމުގައި އޭނާ ކުރި މަސައްކަތް ރަނގަޅުވުމުން ޔުނައިޓެޑުން އޭނާ ބަހައްޓާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ސޯލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑުން މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން އެއްވަރުވެ، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ޔުނައިޓެޑާ ހަވާލުވުމަށް ފަހު ސޯލްޝެއާ ވަނީ ޖެހިޖެހިގެން ހަ މެޗުން މޮޅުވެފަ އެވެ. މިއާ އެކު އޭނާ ވެފައިވަނީ ޔުނައިޓެޑާ ހަވާލުވެ ފުރަތަމަ ހަ މެޗުން އެ ޓީމު މޮޅުކޮށްދިން ފުރަތަމަ ކޯޗެވެ.

ޔުނައިޓެޑަށް 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދޭން ފައިނަލުގައި ބަޔާން މިއުނިކް ކޮޅަށް ތާރީހީ ގޯލު ކާމިޔާބު ކޮށްދިން ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

"އަބަދުވެސް އަހަރެން ދެކެނީ ޔުނައިޓެޑަކީ އަހަރެންގެ އަމިއްލަ ތަނެއްގެ ގޮތުގައި އެނބުރި އައިސް މި ޓީމުގައި މި ކުރެވެނީ ވަރަށް ތަފާތު ތަޖުރިބާއެއް. މި ޓީމު ކުރިން އޮތް ހިސާބަށް ގެންގޮސްދީ ޔުނައިޓެޑްގެ ހައްގު މަގާމުގައި މި ޓީމު ބާއްވަން އަހަރެން މަސައްކަތްކުރާނަން،" ކުރިން ކާޑިފް ސިޓީ އަށް ވެސް ކޯޗުކޮށްދިން ސޯލްޝެއާ ބުންޏެވެ.

ސޯލްޝެއާ އަކީ ޔުނައިޓެޑްގެ އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރި ފަހުން އެ ޓީމާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަވާލުވި ހަތަރު ވަނަ ކޯޗެވެ. މީގެ ކުރިން އެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރީ ޑޭވިޑް މޮއިސް، ލުއީ ވެން ހާލް އަދި ހޯސޭ މޮރީނިއޯ އެވެ. ރަޔާން ގިގްސް މަސައްކަތްކުރީ މޮއިސް ވަކިކުރި ސީޒަނުގައި ވަގުތީ ގޮތުންނެވެ.

ކޯޗިން ކެރިއަރުގައި ސޯލްޝެއާ ވަނީ 2011 ވަނަ އަހަރު މޯލްޑޭ އަށް ނޯވޭގެ ލީގު ހޯދައިދީފަ އެވެ. މި ސީޒަނުގައި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ހޯދޭނެ ކަމަސް ސޯލްޝެއާ ބުނެފައިވާއިރު، އެ ޓީމުން އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ނިންމުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ޔުނައިޓެޑް މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގަ އެވެ.