29 މާޗް 2019 - 09:39

މީގެ ހަތަރު އަހަރު ކުރިން 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ބެޑްމިންޓަނުގެ ޓާގެޓަކަށްވީ ރަން މެޑެއްޔެއް ހޯދުމެވެ. އެކަން ހާސިލްނުވި ނަމަވެސް ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. އަންހެން ޓީމުން ލޯ މެޑެއްޔެއް ހޯދި އެވެ. އެކަމުން ފިލާވަޅު ހޯދައި ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މި އަހަރުގެ އައިއޯއައިޖީން ރާއްޖެ އަށް ރަން މެޑެއްޔެއް ގެންނަން ދުރު ރާސްތާ ޕްލޭނަކާ އެކު މަސައްކަތް ފަށައިފަ އެވެ. މި ފަހަރު މުޅި ޓީމު އެކަތިގަނޑަކަށްވެފައި އޮތީ އެއް އަމާޒުގައި އެކަން ހާސިލްކުރާށެވެ.

އެ މަސައްކަތް ކުރުމުގެ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކަށް ކުޅުންތެރިން ފޮނުވައި، ގިނަ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން މެޑަލް ވެސް ހާސިލްކުރި އެވެ. އަދި ދުނިޔޭގެ ރޭންކިންގައި ވެސް އެތައް ކުރިއެރުންތަކެއް ހޯދި އެވެ.

މިދިޔަ އަހަރު ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ނިޝާންތު ކައުތޭކަރުގެ އިރުޝާދުގެ ދަށުން ޓީމު އަންނަނީ މާލޭގައި ގިނަ ޕްރެކްޓިސްތަކެއް ކުރިއަށް ގެންދަމުންނެވެ. ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އޭނާ ޓީމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
"މިދިޔަ ހަ މަސް ދުވަހު ގައުމީ ޓީމުން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވަމުން. އަހަރެމެންނަށް އަދިވެސް އެބައޮތް ދެ ތިން މަސް ލިބެން އައިއޯއައިޖީ އަށް. އަހަރެމެން މި ފަހަރު މި އޮތީ ވަރަށް ޕޮޒިޓިވްކޮށް އައިއޯއައިޖީގެ ނަތީޖާތަކާ މެދު. ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން މިދަނީ،" ނިޝާންތު ބުންޏެވެ.
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ފެންވަރުގެ މުބާރާތްތަކުގައި ވެސް ރާއްޖޭން މިހާރު ވަނީ ރަނގަޅު ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެކަމަކު އަދިވެސް ބެޑްމިންޓަނުން އައިއޯއައިޖީގައި ކާމިޔާބު ހޯދަން ހާއްސަކޮށް ރަން މެޑެއްޔެއް ހާސިލްކުރަން ބޭނުންވާ ކަމަށް އެ އެސޯސިއޭޝަނުން ބޭނުންވެ އެވެ. ކޯޗު ނިޝާންތު ބުނީ އެކަމުގެ ފަހަތުގައި ވެސް ސަބަބެއް އެބައޮތް ކަމަށެވެ.
"އިންޑިއަން އޯޝަލް އައިލެންޑް ގޭމްސް އަކީ ރާއްޖޭގެ މެދުގައި ވަރަށް ޝަރަފްވެރިކޮށް ދެކޭ މުބާރާތެއް. ބެޑްމިންޓަނާއި އެހެން ކުޅިވަރުތަކުން ހާއްސަކޮށް. އެއީ މި މުބާރާތުގައި ވަރަށް ޖަޒީރާ ގައުމުތައް މި ބައިވެރިވަނީ. އަހަރެމެންގެ ހުވަފެންތައް ހާސިލްކުރަން މިހާރު ހުރިހާ ފޯކަސް އެއް ހުއްޓިފައި ހުރީ،" އުއްމީދުގައި ހުރެ ނިޝާންތު ބުންޏެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެންމެ މަތީ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. މި ވަގުތު ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު، އެހެން ގައުމުތަކުގެ ކުޅުންތެރިންނާ ރާއްޖެއާ މެދު މާ ބޮޑު ތަފާތެއް ނެތް ކަމަށް ނިޝާންތު ގަބޫލުކުރެ އެވެ.
"މާ ބޮޑު ތަފާތެއް ނެތް ރާއްޖޭގެ ކުޅުންތެރިންނާއި ރާއްޖޭން ބޭރުގެ ކުޅުންތެރިންނާ ދެމެދު. ވަަރަށް އެއްގޮތް ގޮތްތަކެއް ފެނޭ. މީގެ އޮތީ ބުރަކޮށް މަސައްކަތްކުރުން. އަހަރެމެން ބުރަކޮށް ކޮށްފިއްޔާ އަހަރެމެންނަށް ވެސް ވާނެ. މެޑަލް ވެސް ލިބޭނެ އެހެން ކުޅުންތެރިން އެ ހޯދާ ގޮތަށް،" ނިޝާންތު ބުންޏެވެ.
މިދިޔަ ހަފްތާ ބަންދުގައި އިންޑިއާގެ ޓްރިވެންޑްރަމްގެ ޓޮސް އެކެޑަމީއާ އެކު ގައުމީ ބެޑްމިންޓަން ޓީމުން ވަނީ މެޗުތަކެއް ކުޅެފަ އެވެ. ނިޝާންތު ބުނީ ޓޮސް އެކެޑަމީގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެގެން ވެސް ކުޅުންތެރިންނަށް ބޭނުންވާ ފަދަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށާއި ހާސިލްކުރެވޭނެ އެންމެ ބޮޑު ކަމަކީ އާ ތަޖުރިބާތަކެއް ކަމަށެވެ.
"މިއީ ތަފާތު ލެވެލްގެ މެޗުތަކެއް އައިއޯއައިޖީގެ ކުރިން ލިބޭ. އަމިއްލަ އަށް ހެދޭ ގޯސްތައް ރަނގަޅުކޮށް ހުނަރުގެ ބޭނުން ހިފަން ވެސް ދަސްވާނެ އިތުރު ފުރުސަތެއް،" ނިޝާންތު ބުންޏެވެ.
ގައުމީ ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ނީލާ ނަޖީބު ބުނީ މި ވަގުތަށް އެންމެ މަދުވާ އެއް ކަމަކީ މެޗުތަކެއް ކުޅެލަން ލިބުން ކަަމަށާއި އިންޑިއާގެ ޓޮސް އެކެޑަމީއާ އެކު ކުޅެލަން ލިބޭ މި ފަދަ މެޗުތަކުގެ ސަބަބުން ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
"ބޭރުގެ ކުޅުންތެރިންތަކާ އެކު މެޗު ކުޅެލަން ލިބުމަކީ ވަރަށް ރަނގަޅު ފުރުސަތެއް. އެއީ މިކޮޅުގައި ޓްރެއިން ކުރާއިރު މި ލިބެނީ ގައުމީ ޓީމުގެ ކުޅުންތެރިންނާ ކުޅެލަން. އެކަމަކު މިއީ އެހެން ލެވެލެއްގެ މެޗުތަކެއް،" ނީލާ ބުންޏެވެ.
ނީލާ އަކީ 2015 ވަނަ އަހަރު އޮތް އައިއޯއައިޖީގައި ލޯ މެޑަލް ހޯދި އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިޔެކެވެ. އަނިޔާގެ މައްސަލަތަކާ ހުރެ ޓީމާ ދުރު ހުންނަން ޖެހުނު ނަމަވެސް ފަހުން އެނބުރި އައިސް އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަދި އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ މެޗުތަކުގައި ވެސް އޭނާ ވަނީ ކުރިއެރުން ހޯދާފައި ކަމަށް އެސޯސިއޭޝަނުން ވެސް ބުނެ އެވެ.
"އަޅުގަނޑުމެން މަސައްކަތް ވަރަށް ފުރިހަމަކޮށް މި ދަނީ. އަޅުގަނޑުމެން މިހާރު ގަބޫލުކުރާގޮތުގައި ޓީމު އޮތީ ފުރިހަމަވެފައި. ވަރަށް ހަމަ އެކީގައި މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ކޯޗު ވަރަށް ބަލައިގެން ތައްޔާރުކުރަމުންދަނީ. ވަރަށް ބޮޑު ކުރިއެރުމެއް މިހާރު ވެސް ފެނިއްޖެ. އަޅުގަނޑަށް މިހާރު ކުރެވޭ މަސައްކަތަށް ބަލާއިރު ގޯލްޑް މެޑަލް އަތުގައޭ (އޮތީ) ބުނާނީ،" ނީލާ ބުންޏެވެ.