އިންޑިއާގެ ޖަލެއްގައި އަނިޔާކޮށް ޕާކިސްތާނުގެ މަސްވެރިއަކު މަރާލައިފި
އިންޑިއާގެ ޖަލެއްގައި އަނިޔާކޮށް ޕާކިސްތާނުގެ މަސްވެރިއަކު މަރާލައިފި

ކަރާޗީ (މާޗް 28) - އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އޮޅިގެން ވަނުމުން ހައްޔަރުކުރި ޕާކިސްތާނުގެ މަސްވެރިއާ އަށް ޖަލުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ކަރާޗީ އަށް ނިސްބަތްވާ މަސްވެރިޔާ ނޫރުލް އަމީން އިންޑިއާގެ މެރިޓައިމް ބޯޑަރާ ޚިލާފުވެފައިވާތީ ހައްޔަރު ކުރީ 2017 ވަނަ އަހަރު އެވެ. ޕާކިސްތާނުގެ ފިޝަމެން ކޯޕަރޭޓިވް ސޮސައިޓީ އިން ބުނެފައި ވަނީ އިންޑިއާގެ ޖަލެއްގައި އަމީން މަރާލާފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ޕާކިސްތާނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިޝަމަން ކޯޕަރޭޓިވް އިން ބުންޏެވެ.

ނޫރުލް އަމީންގެ ހުވަފަން އަންހެނުން ހާމިދާ ޚަތޫމް ބުނީ އޭނާގެ ފިރިމީހާ އަށް ވީގޮތެއް ބަލަން ބޭނުންވާ ކަމަށެވެ. އަދި އެ ދެމަފިރިންގެ ހަތަރު ކުދިން ތިބޭ ކަމަށާއި މީގެ ދެ އަހަރު ކުރިން ފިރިމީހާ މަސްވެރި ކަމުގައި އުޅުނީ ވެސް އާއިލާގެ ފަގީރު ހާލަތުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާނުގެ މަސްވެރިއަކު އިންޑިއާގެ ޖަލެއްގައި މަރާލާފައިވާ އިރު ރާޖަސްތާން ސްޓޭޓުގެ ޖައިޕޫރުގެ ޖަލެއްގައި ވެސް ޕާކިސްތާނުގެ ގައިދީއަކަށް ގަލުން ހަމަލާދީ ފެބްރުއަރީ މަހު ވަނީ މަރާލައިފަ އެވެ.

އިންޑިއާގެ އެކި ޖަލުތަކުގައި ޕާކިސްތާނުގެ 350 އަށް ވުރެ ގިނަ ގައިދީން އެބަތިއްބެވެ.