"ރެޑްމާކްގެ ސަބަބުން" ސްޓްރޯކެއް ޖެހި ޒުވާނަކު މަރުވެއްޖެ
"ރެޑްމާކްގެ ސަބަބުން" ސްޓްރޯކެއް ޖެހި ޒުވާނަކު މަރުވެއްޖެ

ލޯބިވެރިޔާގެ ސަބަބުން ލާފައިވާ ރެޑްމާކެއްގެ ސަބަބުން ޖެހުނު ކަމަށް ބެލެވޭ ސްޓްރޯކެއްގައި މެކްސިކޯގެ ޒުވާން ފިރިހެން ކުއްޖަކު މަރުވެއްޖެ އެވެ.

ޖޫލިއޯ މަސިއަސް ގޮންޒާލެޒް، 17، މަރުވެފައި ވަނީ އުމުރުން 24 އަހަރުގެ ލޯބިވެރިޔާއާ އެކު ހަވީރު ވަގުތު އުޅުމަށް ފަހު އާއިލާ އެކު ކާން އިންދާ ޖެހުނު ސްޓްރޯކެއްގައި ކަމަށް މެކްސިކޯގެ ނޫސްތަކުން ބުނެ އެވެ. ސްޓްރޯކް ޖެހުމުން އިމަޖެންސީގައި ފަރުވާ ދޭން މީހުން އައި އިރު އެ ކުއްޖާ ވަނީ މަރުވެފަ އެވެ.

މެކްސިކޯގެ ނޫސްތަކުން ބުނާ ގޮތުގައި ފުރާވަރުގެ މި ޒުވާނާ އަށް ސްޓްރޯކް ޖެހުނީ ލޯބިވެރިޔާ "ލޯބިން ދަތް އެޅުމުން" ގަނޑުވި ލޭކޮޅެއް ސިކުނޑިއަށް ގޮސްގެންނެވެ. ފިރިހެން ކުއްޖާގެ އާއިލާ އިން މި މަރުގެ ޒިންމާ އަންހެން ކުއްޖާގެ ބޮލުގައި އަޅުވާފައި ވާއިރު އެ ކުއްޖާ ފިލާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފިރިހެން ކުއްޖާގެ އާއިލާއާ ހަވާލާދީ ނޫސްތަކުން ބުނެފައިވާ ގޮތުގައި ހަތް އަހަރު ދޮށީ މީހަކާ ރައްޓެހިވެގެން އުޅޭތީ އެކަން ހުއްޓާލުމަށް ފިރިހެން ކުއްޖާއަށް އާއިލާ އިން ޕްރެޝަރުކުރެ އެވެ. އެކަމަކު އެ ގުޅުން ނިމުމަކަށް ގެންނަން ފިރިހެން ކުއްޖާ ބޭނުން ނުވީ ކަމަށްވެ އެވެ.

މިއީ "ލަވް ބައިޓް" އެއްގެ ސަބަބުން ސްޓްރޯކެއް ޖެހުނު ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2011 ވަނަ އަހަރު ނިއު ޒީލެންޑުގައި ވަނީ 44 އަހަރުގެ އަންހެނަކު ވެސް މިކަހަލަ ކަމެއްގައި ސްޓްރޯކެއް ޖެހިފަ އެވެ. އެކަމަކު އެ މީހާ އަށް ޖެހުނީ އާދައިގެ ސްޓްރޯކެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ. ނަމަވެސް ޑޮކްޓަރުން ބުނެފައި ވަނީ އެ އަންހެން މީހާގެ ކަނދުރާގައި ދަތް އަޅާފައި ހުރި ކަމަށާއި ލޭ ނާރަކާ ދިމާލުގައި ދަތް އެޅުމުން ލޭކޮޅެއް ގަނޑުވެ ސިކުނޑިއަށް ގޮސްގެން ސްޓްރޯކް ޖެހުނީ ކަމަށެވެ. އަވަހަށް ފަރުވާ ދޭން ނުފެށުނު ނަމަ އެ މީހާ މަރުވާނެ ޑޮކްޓަރުން ބުނެފައިވެ އެވެ.

ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އާދައިގެ ކަމަކުން ވެސް ސްޓްރޯކް ޖެހި ވާގި ނެތުން ފަދަ ކަންކަމާ ކުރިމަތި ވެދާނެ އެވެ.