28 މާޗް 2019 - 14:10

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން އެއްކިބާކުރުން ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ވާދަ ކުރައްވާ މެމްބަރުންގެ މެދުގައި ޓީވީއެމުން ބާއްވާ ބަހުސްގައި، އަމިއްލަގޮތުން ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ އުޝާމް ވިދާޅުވީ ޝަރުއީ ދާއިރާގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ. ފާއިތުވި 10 އަހަރު އެކަން ތަޖުރިބާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާގައި މިހާ ބޮޑެތި މައްސަލަތައް ހުރީ ޖޭއެސްސީ ސިޔާސީވުމުންނެވެ.
"އެތަން [ސިޔާސީ ނުފޫޒުން] އެއްކިބާ ކުރެވިއްޖެ ނަމަ ކޯޓުތަކަށް އިންސާފުވެރި ފަނޑިޔާރުން ލެވޭނެ. އޭރުން ރައްޔިތުންނަށް އިންސާފު ލިބިގެންދާނެ. މިއީ މައްސަލައަކީ. ޖޭއެސްސީ އިސްލާހުނުކުރާހާ ހިނދަކު ރައްޔިތުންނަކަށް އިންސާފެއް ލިބިގެންދިޔަ ކަމަކަށް ނުބެލެވޭނެ،" މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އޭޖީން ވަކިވެވަޑައިގެންނެވި އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަތައް ހައްލުކުރަން ފާއިތުވި 10 އަހަރުގެ ތެރޭގައި މުހިއްމު ގާނޫނުތަކެއް ފާސްކޮށްފައިވާ ކަމަށެވެ. މައްސަލައަކީ އެ ގާނޫނުތައް ތަންފީޒުނުކުރެވުން ކަން ފާހަގަކުރެއްވި އެވެ.
"މައްސަލަ ޖެހިގެން މި އުޅެނީ ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުފޯރުވުމުގެ މައްސަލަ. ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވާ މައްސަލަ. މައްސަލައަކަށް ވެގެން މި އުޅެނީ ޕީޖީ އޮފީހަށް ސިޔާސީ ނުފޫޒު ފޯރުވާ މައްސަލަ. ޕީޖީ އޮފީހައި ކޯޓުތަކާއި ފުލުހުން މުއައްސަސާ ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ގާނޫނުގައި އޮތްގޮތަށް ކަންކަން ތަންފީޒުކުރަން ފުރުސަތު ލިބިއްޖެނަމަ މާރާމާރީތައް ވަރަށް ބޮޑަށް ހުއްޓުވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ އޭނާއަކީ ހަވާލުކޮށްފައިވާ ޒިންމާއިން ރެކުނު މީހެއް ނޫން ކަމަށެވެ. ވޭތުވެދިޔަ މުއްދަތުގައި ވިލިމާލޭގެ ކުރިއެރުމަށް މަސައްކަތްކުރި މީހެއް ކަމަށާއި އެ ރައްޔިތުންގެ އުއްމީދާއި ތަސައްވަރަކީ އޭނާގެ ވެސް އުއްމީދުތައް ކަމަށް ވެސް ވިދާޅުވި އެވެ.
ދާއިރާގެ ހާލަތު ބަދަލުކުރެވޭނީ، އުޝާމް ވިދާޅުވިގޮތުގައި، އެތަނެއްގައި އުޅޭ އެތަނުގައި ހުރި މައްސަލަތައް އެނގޭ މީހަކަށެވެ.
"ވިލިމާލެ ރައްޔިތުން އެދެނީ ފެންވަރު ރަނގަޅު އާއްމު ހިދުމަތްތަކަކަށް. އިތުބާރުކުރެވޭ ބޭސްފަރުވާގެ ނިޒާމަކަށް، އިތުބާރުކުރެވޭ ދަތުރުތަކާއި ގެދޮރާއި ރައްޔިތުން ޖަވާބުދާރީކުރުވާނެ،" އުޝާމް ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީ އެކުލަވާލާފައި ވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށާއި އެހެންވެގެން ރިޔާސީ ނިޒާމެއްގައި ކަންކަން ދާންޖެހޭ ގޮތަކަށް ނުދާ ކަމަށް ވިދާޅުވި އެވެ. އޭރު އެކަން އެހެންވީ ސިޔާސީ ލީޑަރުން ހެދި ޑީލްތަކާ ހެދި ކަމަށް ވިދާޅުވި އެވެ.
އެޑިޓަރުގެ ނޯޓު: މިއީ އާންމު އިންތިހާބަށް "މިހާރު"ން ތައާރަފުކުރި ހާއްސަ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަވަރޭޖެކެވެ.