28 މާޗް 2019 - 12:58

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އާއި ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ޗާޓާޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް ޑިވެލޮޕްމަންޓް (ސީއައިޕީޑީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސީއައިޕީޑީ އަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތެވެ. އިނގިރޭސި ވިލާތުގައި ހިންގާތާ 100 އަހަރުވެފައިވާ ޗާޓާޑް އިންސްޓިޓިއުޓު ސީއައިޕީޑީން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އެހީވާނެ އެވެ.
މި އެއްބަސްވުމުގައި އެމްއޭއެޗްއާރުޕީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު އިބްރާހިމެވެ. ސީއައިޕީޑީގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ރީސަޗް އެޑްވާ ހޯޓަން އެވެ.
އެމްއޭއެޗްއާރުޕީގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ތަފާތު އެކި ދާއިރާތަކުން ސީއައިޕީޑީން އެހީތެރިވާނެ އެވެ. އެގޮތުން، ހިއުމަން ރިސޯސް ރީސާޗް ބޭސްއެއް ގެނައުމަކީ ވެސް އަމާޒެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އިންސާނީ ވަސީލަތުގެ ދާއިރާގެ ތެރެއިން ހުނަރުތައް ތަރައްގީ ކުރުމާއި އެ ދާއިރާގެ ޑާޓާ ބޭސްއެއް ގާއިމް ކުރުމަކީ ވެސް އެއްބަސްވުމުގެ އަމާޒެކެވެ. މީގެ އިތުރުން ސީއައިޕީޑީ އާއި އެ ޖަމާއަތާ އެކު މަސައްކަތް ކުރާ ދުނިޔޭގެ އެހެން ފަރާތްތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާ ކުރާނެ ކަމަށް އެމްއޭއެޗްއާރުޕީން ބުނެ އެވެ.
އަދި ކަމާ ގުޅުން ހުރި ބައެއް އިވެންޓުތައް ސީއައިޕީޑީއާ ގުޅިގެން ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެމްއޭއެޗްޕީއާރުން އަންނަނީ އެކި ސަރަހައްދުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އެ ޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ކޮންމެ މަހަކު އެއް ފަހަރު އެފަދަ ޕްރޮގްރާމްތައް ހިންގަމުން އަންނަ ކަމަށް އެމްއޭއެޗްއާރުޕީން ބުންޏެވެ.
އެ ޖަމާއަތުން ބުނި ގޮތުގައި، އެންމެ ބޮޑު އެއް ބޭނުމަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ހުރި ހުރަސްތައް ހޯދައި އެ ކަންކަމަށް ހައްލު ހޯދުމެވެ.ޗާ