28 މާޗް 2019 - 13:34

އެކި ކަހަލަ ޖިންސީ ކުށުގައި ހުކުމް ކޮށްފައިވާ މީހުންގެ މައުލޫމާތު ހިމެނޭ ދަފުތަރެއް އެކުލަވާލައިފި އެވެ.
ކުޑަކުދިންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގާ މީހުންގެ މައުލޫމާތު ހިމެނޭ ދަފުތަރެއް މީގެ ކުރިން އޮތް ނަމަވެސް، މިއީ ޖިންސީ ކުށްތަކުގައި ހިމެނޭ އެހެން މީހުންގެ މައުލޫމާތު އެއްކުރި ފުރަތަމަ ފަހަރެވެ. ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ން ހެދި މި ދަފުތަރުގެ ގަވާއިދު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހެދި މި ދަފުތަރުގައި، ރޭޕް ކުރުމާއި ހަށި ވިއްކުމާއި ބްލެކްމެއިލް ކުރުމާއި ނާސިގެ ހެދުމާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ 21 ކުށެއްގައި ހުކުމްކޮށްފައިވާ މީހުންގެ މައުލޫމާތު ހިމެނެ އެވެ. އެ މީހުންގެ އާއްމު މައުލޫމާތާއި ފޮޓޯގެ އިތުރުން، ހަށިގަނޑުގެ ސިފަތަކާއި ގައިގާ ހުރި ހާއްސަ ނިޝާންތަކުގެ ތަފުސީލު ވެސް އޭގައި ވަނީ ހިމަނާފަ އެވެ.
އަދި އޭނާ ކުރި ކުށާއި އިއްވި ހުކުމުގެ ހުރިހާ ތަފުސީލެއް ވެސް ހިމަނާފައި ވެ އެވެެ.
އެކަމަކު މިއީ އާއްމުންނަށް ފެންނަ ގޮތަށް އޮންނަ ދަފުތަރެއް ނޫނެވެ. ނަމަވެސް ދައުލަތުގެ ރަސްމީ ބޭނުންތަކަށް، އެކަމަށް އެދި ހުށަހެޅުމުން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް އެފްޕީއޭން ބުންޏެވެ.
އެތަނުން ބުނިގޮތުގައި 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ކުށެއް ސާބިތުވި ނަމަވެސް އެ މައުލޫމާތެއް ދަފުތަރަކު ނުހިމެނޭނެ އެވެ. އޭގެ އިތުރުން، ހުކުމްކޮށްފައިވާ މީހާ، ބަންދުން ދޫކޮށްލާފައިވާނަމަ އެ މައުލޫމާތުގެ ތަފްސީލު ދަފުތަރުގައި އޮވެ އެވެ. އަދި ހުކުމް އިސްތިއުނާފްކޮށް، އޭނާގެ މައްޗަށް އެ ހުކުމް ސާބިތު ނުވުމުންނާއި ކުށް ސާބިތުވެފައިވާ މީހަކު މަރުވެއްޖެ ނަމަ، އޭނާގެ ނަން ދަފުތަރުން އުނި ކުރަން ޖެހެ އެވެ.