ސައުދީ ނޫސްވެރިޔާ މަރާލި މީހުން ހޯދުން ހުއްޓައެއް ނުލާނަން: އެމެރިކާ
ސައުދީ ނޫސްވެރިޔާ މަރާލި މީހުން ހޯދުން ހުއްޓައެއް ނުލާނަން: އެމެރިކާ

ވޮޝިންޓަން (މާޗް 28) - ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ ގާތިލުން ހޯދުމުގެ މަސައްކަތް އެމެރިކާ އިން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެ އެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. އޭނާގެ މަރާ ބެހޭ ގޮތުން ސައުދީން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް ފަހުން ވަނީ ކޮންސިއުލޭޓް ތެރޭ ޚާޝުގްޖީ މަރާލާފައިވާ ކަމަށް އެއްބަސްވެފަ އެވެ.

ޕޮމެޕެއޯ ވިދާޅުވީ ޚާޝުގްޖީ މަރާލުމުގެ ކަންބޮޑުވުން އެމެރިކާ އިން ދަނީ ސައުދީ އަރަބިއާއާ އަބަދުވެސް ހިއްސާ ކުރަމުން ކަމަށެވެ. އަދި ޚާޝުގްޖީގެ މަރާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 17 މީހަކަށް އެމެރިކާ އިން ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ޕޮމްޕެއޯ ވިދާޅުވި އެވެ.

"ރައީސް ޑޮނަލްޑް ޓްރަމްޕް އެކަން ވަނީ ވަރަށް ސާފުކޮށްދެއްވާފައި. ޚާޝުގްޖީ މަރާލި މީހުން ހޯދުމުގެ މަސައްކަތް އެމެރިކާ އިން ދަނީ ކުރަމުން. އެ ބަޔަކު ޒިންމާ ކުރުވާނަން. އެއީ ސައުދީ ސަރުކާރުގެ ކޮންމެ މީހަކަށް ވިޔަސް ހެޔޮ،" ކޮންގްރެސްގެ ފޮރިން އެފެއާޒް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވި އެވެ.

ސައުދީން އަރަބިއާ އިން ވެސް ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ގުޅިގެން 11 މީހެއްގެ މައްޗަށް ދައުވާ ކުރާ ކަމަށެވެ. އަދި އޭގެ ތެރޭން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އޭގެ ތެރޭން އެކަކު ވެސް ތުރުކީއާ ހަވާލު ކުރުމަށް ސައުދީން ވަނީ ދެކޮޅު ހަދައިފަ އެވެ.