މި އަހަރު އެންމެ އަވަހަށް 100 ކްރޯޑް ހަމަކުރި ފިލްމަކަށް އަކްޝޭ ކުމާރުގެ "ކޭސަރީ"
މި އަހަރު އެންމެ އަވަހަށް 100 ކްރޯޑް ހަމަކުރި ފިލްމަކަށް އަކްޝޭ ކުމާރުގެ "ކޭސަރީ"

ރިލީޒް ކުރިތާ ހަފުތާއެއްގެ ތެރޭގައި އަކްޝޭ ކުމާރުގެ ތާރީހީ ހަނގުރާމަ ފިލްމު "ކޭސަރީ" ބޮކްސް އޮފީހުގައި 100 ކްރޯޑްގެ އާމްދަނީއެއް ހޯދައިފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރި ފިލްމު 7 ދުވަހުގެ ތެރޭގައި 14 މިލިއަން ޑޮލަރު އިންޑިއާ އިން އެކަނި ހޯދި އިރު، "ކޭސަރީ" ވެގެން ގޮސްފައީ މި އަހަރު އެންމެ އަވަހަށް 100 ކްރޯޑްގެ އާމްދަނީއެއް ހަމަކުރި ފުރަތަމަ ފިލްމަށް ވެސް މެ އެވެ. މީގެ އިތުރުން މި ފިލްމަކީ ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނިއެއް މި އަހަރު ހޯދި ފިލްމު ވެސް މެ އެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަލަަށް ޑައިރެކްޝަނަށް ނުކުތް އަނޫރާހް ސިންގް ޑައިރެކްޓްކޮށްފައިވާ "ކޭސަރީ" އަށް ރިލީޒް ކުރި ދުވަހު އެކަނި ވެސް 21.50 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. ބުރާސްފަތި ދުވަހާ ހަމައަށް މި ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ ވަނީ 131.85 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.

"ކޭސަރީ" އަކީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި ފިލްމެކެވެ. އަދި މި ފިލްމަކީ 100 ކްރޯޑްގެ އާމްދަނީއެއް ލިބުނު އަކްޝޭގެ 10 ވަނަ ފިލްމެވެ. މިދިޔަ އަހަރު ރިލީޒް ކުރި އޭނާގެ "ގޯލްޑް" އަކީ ވެސް ބޮކްސް އޮފީހުގައި 151.43 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

100 ކްރޯޑް ކުލަބުން ޖާގަ ހޯދާފައިވާ އަކްޝޭގެ އިތުރު ފިލްމުތަކަކީ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ"، "ޖޯލީ އެލްއެލްބީ 2"، "ރުސްތުމް"، "ހައުސްފުލް 3"، "އެއާލިފްޓް"، "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވަ އޮފް ޑިއުޓީ" އަދި "ހައުސްފުލް 2" އެވެ.

ކްރިޓިކުންގެ ތައުރީފު ވެސް ވަރަށް ބޮޑަށް ހޯދި "ކޭސަރީ" އަކީ އިންޑިއާގެ ސީކުންގެ 21 އަސްކަރީ އޮފިސަރުން އަފްޢާނިސްތާނުގެ 10،000 ހަނގުރާމަވެރިންނާ ކުރިމަތިލައި ހޯދާ ފަހަތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގައި އަކްޝޭއާ އެކު ބަތަލާގެ ރޯލް ކުޅުނީ ޕަރިނީތީ ޗޯޕްޅާ އެވެ.

"ކޭސަރީ" އަކީ މި އަހަރު 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި 4 ވަނަ ފިލްމެވެ. އެ ލިސްޓްގައި ދެން ހިމެނެނީ ވިކީ ކޯޝަލްގެ "އުރީ" ދި ސާޖިކަލް ސްޓްރައިކް"، ކަންގަނާ ރަނާވަތުގެ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ"، ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއި" އަދި މަދޫރީ ޑިކްސިޓާއި އަނިލް ކަޕޫރްގެ "ޓޯޓަލް ދަމާލް" އެވެ.

މި އަހަރު ރިލީޒްވާން ހުރި އަކްޝޭގެ އިތުރު ފިލްމުތަކުގެ ތެރޭގައި "މިޝަން މަންގަލް"، "ގުޑް ނިއުސް" އަދި "ހައުސްފުލް 4" ހިމެނެ އެވެ.