28 މާޗް 2019 - 11:38

އއ. ކުރަމަތީ ރިސޯޓުގެ ފަޅުތެރޭގައި އޮތް ލޯންޗެއް ގޮވައި އޭގައި ރޯވެ މިއަދު އަޑިއަށް ހިނގައްޖެ އެވެ.
ފުލުސް އޮފީހުން ބުނީ ޓޫރިސްޓުން އުފުލަން ބޭނުންކުރާ އެ ލޯންޗު ގޮވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:40 ހާއިރު ކަމަށެވެ.
އެނގިފައިވާ ގޮތުގައި ލޯންޗު ގޮވީ އޭގެ ކެޕްޓަން ލޯންޗުގެ އިންޖީނު ސްޓާޓްކޮށްލި ވަގުތު އެވެ. އޭނާ ނޫން މީހަކު އެ ވަގުތު އެ އުޅަނދަކު ނެތެވެ.
ފުލުހުން ބުނީ ލޯންޗުގައި ރޯވުމާއެކު ކެޕްޓަން މޫދަށް ފުންމާލި ކަމަށާއި އެހެންވެ، އޭނާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެއް ކަމަށެވެ.
"އއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ ދޫކޮށްލާފައި،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ލޯންޗު ދާން އުޅުނީ އެ ރިސޯޓަށް ޓޫރިސްޓުން ގެނައުމަށެވެ.