އަރުޖުން ކަޕޫރާއި މަަލައިކާ އަރޯރާގެ ކައިވެނި އަންނަ މަހުގެ 19 ގައި
އަރުޖުން ކަޕޫރާއި މަަލައިކާ އަރޯރާގެ ކައިވެނި އަންނަ މަހުގެ 19 ގައި

ރައްޓެހިވެގެން އުޅޭކަން ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް ލޯބިވެރިންގެ ގޮތުގައި މިހާރު ގިނަ ބަޔަކު ގަބޫލުކުރާ އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ހާން އަންނަ މަހުގެ 19 ވަނަ ދުވަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ކުރިން ވެސް ވަނީ އެ ދެ މީހުން އަންނަ މަހު ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން ބުނި ގޮތުގައި ކައިވެނި ކުރާ ދުވަހަކީ އެޕްރީލް މަހުގެ 19 އަށް ހަމަޖައްސައި ތައްޔާރީތައް މިހާރު ވަނީ މެކްޖަށް ޖަހައިފަ އެވެ.

އެ ހަފުލާގައި ބައިވެރިވާނެކަން ކަށަވަރުވާ ފަންނާނުންގެ ތެރޭގައި ކަރަން ޖޯހަރް، ވަރުން ދަވަން، ކަރިޝްމާ އާއި ކަރީނާ ކަޕޫރް އަދި ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ފާހަގަކޮށްލެވެ އެވެ.

ދާދި ފަހުން އަރުޖުން ބުނި ގޮތުގައި އޭނާގެ ހަޔާތުގައި މުހިއްމު ނިންމުމެއް ނިންމާ ނަމަ އެކަން ވަގުތު ޖެހުމުން ހިއްސާ ކުރާނެ އެވެ.

އުމުރުން 33 އަހަރުގެ އަރުޖުން 45 އަހަރުގެ މަލައިކާއާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ އިރު، މަލައިކާއަކީ ކުރިން ވެސް ކައިވެންޏެއް ދަރިއަކު ލިބިފައި ހުރި މީހެކެވެ. ސަލްމާން ހާންގެ ކޮއްކޮ އަރުބާޒް ހާނާއި މަލައިކާގެ ކައިވެނި 2017 ގައި ރަސްމީކޮށް ރޫޅައިލި އިރު، އެ ކައިވެންޏަށް ލިބިފައިވާ ފިރިހެން ދަރިފުޅު އަރްހާން ހާނަށް މި އަހަރު 17 އަހަރު ފުރޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކައިވެންޏަށް ފަހު ދިރިއުޅެން އަރުޖުން އާއި މަލައިކާ ވަނީ ދެ މީހުން އެއްވަރަކަށް ހިއްސާވެގެން މުމްބާއީން އަގު ބޮޑު އެޕާޓްމަންޓެއް ވެސް ގަނެފަ އެވެ.

ބެލެވޭ ގޮތުން އަންނަ މަހަކީ ބޮލީވުޑުން އިތުރު އެހެން ޖޯޑެއްގެ ކައިވެނި ވެސް ފެނިގެން ދާނެ މަހެކެވެ. އެއީ ޑައިރެކްޓަރު/އެކްޓަރު ފަރްހާން އަހުތަރާއި ޝިބާނީ ޑަންޑޭކަރުގެ ކައިވެންޏެވެ.