28 މާޗް 2019 - 10:55

ރާއްޖޭ އަކީ މި ސަރަހައްދުގައި އިސްލާމިކް ބޭންކިންގެ ހަބަކަށް ހަދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ބޭންކިން ހިދުމަތް ފެށި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އާ ހެޑް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަމީރް ވިދާޅުވީ އެމްއައިބީ އަކީ ބޭންކިން ސެކްޓަރުގެ ވާދަވެރިކަން ފުޅާކުރުވި ބޭންކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް ބޭންކުން އާންމުންނަށް ބޭންކިން ދާއިރާގެ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އަންނަ އިރު ޝަރީއާއާ ގުޅޭ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަކީ އެންމެ ހާއްސަ ކަންތަކެވެ.

އަމީރު ވިދާޅުވީ، އިސްލާމިކް ބޭންކު ތައާރަފް ކުރުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. މި ސަރުކާރުން ވެސް އިސްލާމިކް ބޭންކިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިންގެ ހަބަކަށް ރާއްޖެ ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާމިކް ބޭންކު އުފައްދާފައިވަނީ 2010 ވަނަ އަހަރު އެވެ. އަދި ހިދުމަތްދޭން ފެށީ 2011 ވަނަ އަހަރު އެވެ. އެ ކުންފުންޏަށް އެންމެ ފުރަތަމަ އިންވެސްޓްކޮށްފައި ވަނީ 11 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު އިންވެސްޓްކުރީ އައިސީޑީންނެވެ. އަދި އަނެއް އެއް މިލިއަން ޑޮލަރު އިންވެސްޓްކުރީ ސަރުކާރުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް ފޮރިން އިންވެސްޓްމެންޓްތަކަށް ހާއްސަ އިސްކަމެއް ދެ އެވެ އަދި އެމްއައިބީ އަކީ އޭގެ ފުރިހަމަ މިސާލެއް ކަމަށް ވިދާޅުވި އެވެ.
"ސަރުކާރުން މާލީގޮތުން އިންކްލޫސިވް މާހައުލެއް ގާއިމް ކުރަން ޖެހޭ.އެކަމަށްޓަކައި ރީޓެއިލް ބޭންކިން ވަރަށް މުހިއްމު. ސަރުކާރުން ބޭނުންވަނީ އެމްއައިބީއަކީ ވަރުގަދަ ބޭންކެއްގެ ގޮތުގައި އޮތުން.އަދި ރައްޔިތުންގެ ބައިވެރިވުމާ އެކު އެކުންފުނި އިތުރަށް ފުޅާވުން،" އޭނާ ވިދާޅުވި އެވެ.
އެމްއައިބީގައި މިހާރު 200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އެ ކުންފުނިން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތަކާއި އަމިއްލަ ކުންފުނިތަކަށް ވެސް އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެމްއައިބީ އިން އަންނަނީ، އާންމުންނަށް ހިއްސާ ވިއްކުމަށް އެ ކުންފުނީގެ އިނީޝިއަލް ޕަބްލިކް އޮފަރިންނަށް ދިއުމުގެ މަސައްކަތް ކުރަމުންނެވެ.