29 މާޗް 2019 - 08:10

މިދިޔަ އަހަރުގެ މެދު ތެރޭގައި ރިލީޒްކުރަން ނިންމުމަށް ފަހު، އެކި ފަހަރު މަތިން ތާރީހަށް ބަދަލުތަކެއް ގެންނަމުން ދިޔަ ފިލްމު "އަރުޖުން ޕަޓިއާލާ" އަށް އަނެއްކާ ވެސް އާ ތާރީހެއް ހަމަޖައްސައިފި އެވެ.
ކްރިތީ ސެނަން އާއި ވަރުން ޝަރުމާ އަދި ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންޖް ލީޑް ރޯލް ކުޅެފައިވާ ސްޕޫފް ކޮމެޑީ މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖުލައި މަހުގެ 19 ގަ އެވެ. ކުރިން އޮތް ގޮތުން ނަމަ "އަރުޖުން ޕަޓިއާލާ" ރިލީޒް ކުރަން އޮތީ އަންނަ މެއި މަހުގެ 3 ވަނަ ދުވަހު އެވެ.
ތާރީހަށް މި ގެނައި ބަދަލާ އެކު އެ ފިލްމު ދެން ބޮކްސް އޮފީހުގައި ވާދަކުރާނީ ސަނީ ޑިއޯލްގެ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އާ އެވެ.
"އަރުޖުން ޕަޓިއާލާ" އަކީ މި މަހުގެ އެއް ވަނަ ދުވަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ރަނގަޅު ވިޔަފާރިއެއް ކުރި ރޮމޭންޓިކް ކޮމެޑީ "ލޫކާ ޗުއްޕީ" ގެނެސް ދިން މެޑޮކް ފިލްމްސް އާއި ޓީސީޒްގެ އުފެއްދުމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރޯހިތު ޖުގްރާޖެވެ.
"ލޫކާ ޗުއްޕީ" ގައި ވެސް ބަތަލާގެ ރޯލް ކުޅުނު ކްރިތީ "ޕަޓިއާލާ ހައުސް" އިން ފެނިގެން ދާނީ ކްރައިމް ޖާނަލިސްޓެއްގެ ރޯލުންނެވެ. ދިލްޖީތަކީ ފުލުހެކެވެ.
ފިލްމެއް ހަދަން ނެގި ލޯނެއް ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހު ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި ބޮލީވުޑްގެ އެކްޓަރު ރާޖްޕަލް ޔާދާވް ހުކުމް ތަންފީޒުކޮށް ނިންމާލައިފި އެވެ.
އޭނާ މިހާރު ވަނީ ޖަލުން މިނިވަންވުމާ އެކު ފިލްމީ މަސައްކަތްތައް އަލުން ފަށައިފަ އެވެ. އެގޮތުން ސޫރަޖް ޕަންޗޯލީއާ އެކު ކެޓްރީނާ ކެއިފްގެ ކޮއްކޮ އީޒަބެލް ކެއިފް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމު "ޓައިމް ޓް ޑާންސް" އިން ރާޖްޕަލް އަށް ލިބުނު ރޯލުން ނުނިމި އޮތް ބައިގެ ޝޫޓިން ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ. އޭނާ ބުނީ ހުކުމް ތަންފީޒުކޮށް ނިމެންދެން އެ ފިލްމުގެ ޓީމުން އޭނާ އަށް މަޑުކުރި ކަމަށްޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ.
ރާޖްޕަލް ޖަލަށްލީ މިދިޔަ އަހަރު "ޓައިމް ޓް ޑާންސް" ގެ ވަރަށް ބޮޑު ބައި އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައި ވަނިކޮށެވެ. މި ފިލްމުގެ އިތުރަށް އޭނާ އަންނަނީ "ޖާކޯ ރާޙޭ ސައްޔާން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި ޑޭވިޑް ދަވަން އާއި ޕްރިޔާދަރުޝަންގެ ފިލްމެއް ވެސް ރާޖްޕަލް އަށް ލިބިފައިވެ އެވެ.
އޭނާ ޖަލަށްލީ 2012 ގައި ޑައިރެކްޓްކުރި އަލަތު ފިލްމު "އަތާ ޕަތާ ލާޕަތާ" ހަދަން 2010 ގައި ނިއު ދިއްލީގެ ކުންފުންޏެއް ކަމަށްވާ މުރުލީ ޕްރޮޖެކްޓްސް އިން 5 ކްރޯޑް ރުޕީސްގެ ލޯނެއް ނަގައި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކި މައްސަލައިގަ އެވެ.
ކާމިޔާބު މީހަކަށް ވާން ބޭނުން ނަމަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާއަކީ މިހާރު ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ އަންހެނެކެވެ.
ދެހާސް ވަނަ އަހަރު ރީތީގެ ރާނީގެ ތާޖް ހާސިލު ކުރުމަށް ފަހު، ބޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި ނުކުމެ އޭނާ ވަނީ އެތައް ކާމިޔާބީއެއް ހޯދައިފަ އެވެ.
އަދި ޕްރިޔަންކާއަކީ މިހާރު ހޮލީވުޑްގައި ވެސް ނުފޫޒު ގަދަ ބަތަލާއެކެވެ. އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ މިހާރު ކައިވެނި ވެސް ކޮށްގެން އުޅޭ ބަތަލާގެ ހަޔާތުގެ މުހިއްމު ސޮފްހާތަކެއް ބަލައިލަން ބޭނުން ނަމަ މިއޮތީ އެކަމަށް ރަނުގެ ފުރުސަތެކެވެ. ޔޫޓިއުބްގައި ވަނީ ޕްރިޔަންކާގެ ވާހަކަ "އިފް އައި ކުޑް ޓެލް ޔޫ ޖަސްޓް ވަން ތިންގް" ގެ ނަމުގައި ހިއްސާކޮށްފަ އެވެ.
މީގެ ޓްރެއިލާ ޓްވިޓާގައި ޕްރިޔަންކާ ހިއްސާކޮށްފައިވާ އިރު، ފުލް ވީޑިއޯ ޔޫޓިއުބުން މިހާރު ބަލައިލެވޭނެ އެވެ.
ރަންވީރު ސިންގް އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލް ކުޅޭ ކަބީރު ހާންގެ ފިލްމު "83" ގެ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކަޕިލްގެ އަންހެން ދަރިފުޅު އަމިޔާ ދޭވް މަސައްކަތް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އުމުރުން 23 އަހަރުގެ އަމިޔާއަކީ ދާދި ފަހުން މަތީ ތައުލީމި ނިންމައިލި ޒުވާނެކެވެ.
އަންނަ މެއި މަހު ޝޫޓިން ފަށާ "83" ގެ މައިގަނޑު ކާސްޓް އެއްކޮށްހެން މިހާރު ހަމަޖެހިފައިވާ އިރު، ފިލްމުގެ ޝޫޓިން މެއި މަހުން ފެށިގެން އޮގަސްޓާ ހަމައަށް އިނގިރޭސިވިލާތުގައި ކުރިއަށް ދާނެ އެވެ. "83" އަކީ 2017 ގައި ރިލީޒް ކުރި "ޓިއުބްލައިޓް" އަށް ފަހު، ކަބީރު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.
މި ފިލްމު ބިނާކޮށްފައި ވަނީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާއަށެވެ. "83" ސިނަމާތަކަށް އަންނާނީ އެޕްރީލް، 10، 2020 ގަ އެވެ.