28 މާޗް 2019 - 09:16

މެޑްރިޑް (މާޗް 28) – ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމަށް ޒައިނުއްދީން ޒިދާން އަލުން ގެނައުމަކީ އޭނާގެ ނިންމުމެއް ނޫން ކަމަށާއި ކްލަބުގެ އެފަދަ ނިންމުންތަކުގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފި އެވެ.
ހުލެން ލޮޕެޓީގާއި ސެންޓިއާގޯ ސޮލާރީ އަށް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުމުން މެޑްރިޑުން އެންމެ ފުރަތަމަ މަސައްކަތްކުރީ ހޯސޭ މޮރީނިއޯ ގެންނާށެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އެ ނިންމުން ބަދަލުކޮށް ޒިދާން އަލުން ގެންނަން މެޑްރިޑުން ނިންމުމުގެ ފަހަތުގައި ހުރީ ރާމޯސް އެވެ.
"ޒިދާންގެ އެނބުރި އައުމަކީ ހުރިހާ ކުޅުންތެރިންނަށް ވެސް އުފާވެރި ހަބަރެއް. އެކަމަކު އެއީ އަހަރެން ނިންމި ނިންމުމެއް ނޫން. މީހުންނަށް އެހެން ހީވިޔަސް އެއީ ތެދެއް ނޫން،" ރާމޯސް ބުންޏެވެ. "އަހަންނަކީ ކެޕްޓަން އަހަރެން ގާތުން ލަފައަކަށް އެދިއްޖެ ނަމަ އަހަރެން ދެން. އަހަރެން ދުވަހަކު ވެސް ގޮތް ނުނިންމަން. އަހަރެން ބޭނުންވާ ކަމެއް ވެސް ނޫން އެއީ."
ޒިދާންގެ ދައުރުގައި އެ ޓީމަށް ޖެހިޖެހިގެން ޗެމްޕިއަންސް ލީގު ތިން ފަހަރު ހޯދައިދިނެވެ. އަދި ކުޅުންތެރިންގެ މެދުގައި އޮތީ ރަނގަޅު ގުޅުމެކެވެ. މޮރީނިއޯ ކުރިން މެޑްރިޑަށް ކޯޗުކޮށްދިން ދުވަސްވަރު މާބޮޑު ކާމިޔާބެއް ނުހޯދޭނެ އެވެ. އޭގެ ބަދަލުގައި ޓީމުގެ ތެރޭގައި މައްސަލަ އުފެދުނެވެ. އެ ޓީމުގެ ލެޖެންޑް އިކާ ކަސިޔަސް ކްލަބް ދޫކޮށްލަން ޖެހުނީ ވެސް އެފަދަ މައްސަލަތަކެއްގަ އެވެ.
ޔޫރޯ ކޮލިފައިންގައި މި ހަފުތާގައި މޯލްޓާ އަތުން 2-0 އިން ސްޕެއިން މޮޅުވި މެޗާ އެކު ރާމޯސް އެ ޓީމަށް ކުޅެދިން މެޗުގެ އަދަދު ވަނީ 162 އަށް އަރައިފަ އެވެ. އިތުރު ހަ މެޗާ އެކު، އިކާ ކަސިޔަސް ފަހަތަށް ޖައްސާލައި ސްޕެއިނަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ރާމޯސް އަށް ލިބޭނެ އެވެ.
'އިކާ ކަސިޔަސް އަކި ދިރިހުރި މިސާލެއް އަހަރެން އުއްމީދުކުރަން އޭނާގެ ރެކޯޑް އަހަންނަށް ލިބޭނެ ކަމަށް،" ރާމޯސް ބުންޏެވެ.