27 މާޗް 2019 - 20:38

ގަލޮޅުގައި ހުންނަ ފިހާރައެއް މިދިޔަ ހޮނިހިރު ދުވަހު ފަޅާލައި 50،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްުޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ ފަޅާލައި 2600 ޑޮލަރާއި 13،500ރ. ވަނީ ވަގަށް ނަގައިފަ އެވެ.
މާލެ އާއި ރަށްރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ.
މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވަނީ ފޭރިގެންފަ އެވެ. އޭގެ ކުރިން، މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ފޭރިގެންފަ އެވެ.
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވަނީ ހިންގައިފަ އެވެ.